ފުރުގާން މިސްކިތުގައި ހުރި މުސްހަފްތަކާއި އެހެނިހެން ތަކެއްޗަށް ގެއްލުންދީފިއެވެ.
އެ ތަކެއްޗަށް ގެއްލުންދީފައި ވަނީ ރޭ ފަތިސް ނަމާދުގެ ކުރިންނެވެ. މިސްކިތުގެ އެތެރޭގެ މަންޒަރުތައް ދައްކުވާދޭ ވީޑިއޯ ކްލިޕެއް ވެސް ދައުރުވަމުންދާއިރު ފެންނަ ފެނުމަށް މުސްހަފްތަކުގެ އިތުރުން ފާރުގައި ހަރުކޮށްފައި ހުރި ކަރަންޓު ބޯޑުތަކަށް ވެސް ވަނީ ގެއްލުންދީފައެވެ.
އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަން މިތަނަށް ވަނީ އުކާލާފައެވެ. އެކަން ކޮށްފައިވާ މަންޒަރުތައް ދައްކުވާދޭ ވީޑިއޯ އާއި ފޮޓޯ ހިއްސާ ކުރަމުން ދީނީ އިލްމު ވެރިޔާ އާދަމް ނިޝާން އަލީ ވިދާޅުވީ މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އޭނާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައިވާ ކަމަށް ނިޝާން ވިދާޅުވިއެވެ.
މިސްކިތްތަކުގައި ކެމެރާ ހަރުކޮށް މާލެ ސިޓީ ކައުންސިލުން 24 ގަޑިއިރު މޮނިޓާ ކުރަމުންދާއިރު މިފަދަ އަމަލެއް ހިންގާފައި ވުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށް، އިދާރާތަކުގެ ގާބިލް ކަމާ މެދު ސުވާލު އުފައްދާފައެވެ. "މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯ؟" ނިޝާން ވިދާޅުވިއެވެ.
މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކަނޑާފައިވާ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަން ފާހަގަކޮށް ނިޝާން އިތުރަށް ވިދާޅުވީ އެފަދަ އަމަލެއް މިސްކިތުގައި ހިންގުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ފުރުގާން މިސްކިތައް ގެއްލުންދީގެން ރިޕޯޓު ކޮށްފައިވާ ކަމަށާއި އިތުރަށް މައްސަލަ ބަލަމުންދާ ކަމަށެވެ.
މިސްކިތްތަކަށް ގެއްލުންދީ، ފަންކާ ފަދަ ތަކެތި ވަގަށް ނަގާ މައްސަލައަކީ އާންމު މައްސަލައެކެވެ. މިފަދަ މައްސަލަތައް ހައްލު ކުރުމަށް މިސްކިތްތަކުގައި ކެމެރާ ހަރުކޮށް މޮނިޓާ ކުރަމުންދިޔަ ނަމަވެސް ދޭތެރެ ދޭތެރެ އިން މިފަދަ ކަންކަން އަދިވެސް ހިނގަމުންދެއެވެ.
އެގޮތުން މިދިޔަ އޮގަސްޓު މަހުވެސް ވަނީ ފުރުގާން މިސްކިތް ކައިރީ ހުރި ފައިވާންތަކެއް ވަގަށް ނަގައި، އެ ތަނުގެ ކައިރީގައި ހުރި މީހަކަށް ވަޅިއަކުން ބިރުދެއްކި މައްސަލައިގައި އުމުރުން 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައެވެ.
ފުރުގާން މިސްކިތުގައި ހުރި ކަރަންޓު ބޯޑުތަކާއި މުސްހަފްތަކަށް ގެއްލުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ