އެންމެފަހުގެ ކޮމަންވެލްތް ޗެމްޕިއަން ޕާކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ޗައިނާގައި މިހާރު ކުރިއަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި މިއަދު އެންމެފަހުގެ ކޮމަންވެލްތް ޗެމްޕިއަން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ބީޗް ހޭންޑް ބޯޅަ މެޗުން ދިވެހި ޓީމު ބަލިވެ މުބާރާތް ނިމިއްޖެ އެވެ.
ތަފާތު މޮޅު ކުޅުމެއް މިމެޗުގައި ވެސް ދިވެހި ޓީމުން ދެއްކިއިރު މެޗު ގެއްލެން މެދުވެރިވީ ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން ކަމަށް ޓީމުގެ ކޯޗު އަދި ކުޅުންތެރިން ވެސް ފާހަގަކުރި އެވެ. އެހެންނަމަވެސް މުޅި މި ބީޗް ގޭމްސްގައި ވެސް ދިވެހި ހޭންޑްބޯޅަ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ކުރިއަށް ބައެއް މެޗުތައް އަދި ހުރި ނަމަވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ މަގު ރާއްޖެއަށް ވަނީ ބަންދުވެފަ އެވެ. މިއަދުގެ މެޗު ޕާކިސްތާނުން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 20 - 12 ން ގެންދިޔައިރު ދެވަނަ ސެޓު އެޓީމުން ގެންދިޔައީ 18 - 12 ންނެވެ.
މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ދިވެހި ގައުމީ ޓީމު--- ފޮޓޯ: އެމްއޯސީ މީޑިއާ/ނައުޝަމް ވަހީދު އަދި އަބްދުﷲ އަބީދު
މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ: އެމްއޯސީ މީޑިއާ/ނައުޝަމް ވަހީދު އަދި އަބްދުﷲ އަބީދު
މެޗަށްފަހު އޮލިމްޕިކް ކޮމެޓީއަށް ދިން އިންޓަވިއުއެއްގައި ހޭންޑްބޯޅަ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޝިރާން ބުނީ މިމެޗުގައި ޓީމުން ވަރަށް ރަނގަޅު ފައިޓެއް ދިން ކަމަށާއި މިމެޗުން ބަލިވީ ހެދުނު ކުދި ގޯސްތަކެއްގެ ސަބަބުން ކަމަށް އަދި ދެން އަންނަ މެޗަކަށް މިއަށްވުރެ ވަރުގަދަކޮށް ނުކުންނާނެކަމަށެވެ. ޝިރާން ފާހަގަކުރިގޮތުގައި ޕާކިސްތާނަކީ ކޮމަންވެލްތްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށާއި އެހެންކަމުން ޓީމަށް ދެވުނު ފައިޓް ރަނގަޅުކަމަށެވެ.
"ބީޗް ހޭންޑްބޯލް ވަރަށް ކުރިއަށް ދެވޭނެހެން ހީވަނީ، އެއީ ގާތްގަނޑަކަށް އަހަރެއް ތެރޭގައި ތިން މުބާރާތް މި ކުޅެވުނީ. އެހެންވީމާ އަދި ދެ އަހަރެއް ތިން އަހަރެއް މިހެން މިލެވެލްގައި ކުޅެލައިފިއްޔާމުން ހަމަ ހީވަނީ ވަރަށް ކުރިއަށްދެވޭނެހެން. އެއީ މިހާރު މިކުޅެނީ ދުނިޔޭގެ ލެވެލްގެ ޓީމުތަކާ ދެކޮޅަށް" ޝިރާން އިތުރަށް ބުނެފައިވެ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރާއްޖޭގެ ކޯޗު ބުނީ އެންމެންނަށް ވެސް ޕާކިސްތާނަކީ އޭޝިއާގެ ތިންވަނަކަން އެނގޭ ކަމަށާއި އެހެންކަމުން ދިވެހި ޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށް އަދި މިއީ ރަނގަޅު ގޭމެއްކަން އޭނާ ފާހަގަކުރި އެވެ. ދެހާފުގައި ޖުމްލަ 6 ގޯލުގެ ތަފާތު އޮތުމުން އެއީ ރާއްޖެ ޓީމަށް ރަނގަޅުކަމެއް ކަމަށާއި އަދި މިފަހަރު ތަޖުރިބާ ހޯދިކަމުގައިވީ ނަމަވެސް ދެން އަންނާނީ މެޑަލްއައްކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ