ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން"، ބީއާރުޕީގެ 7 ވަނަ ސީޒަނަށް ހޮވުނު 16 ބައިވެރިންނަށް މުބާރާތުގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން" ރިއަލިޓީ ޝޯވއެކެވެ.
ބީއާރުޕީގެ 7 ވަނަ ސީޒަނަށް ހޮވުނު 16 ބައިވެރިންނަށް މުބާރާތުގެ ޓިކެޓް ރަސްމީކޮށް ހަވާލުކުރީ އެކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ޚާއްސަ ހަފްލާއެެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބް ވިދާޅުވީ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންއަކީ މީޑިއާގެ ދާއިރާއަށް ޝަޢުޤުވެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް ހުޅުވިފައިވާ ރަނުގެ ފުރުޞަތެއްކަމަށެވެ. މީގެއިތުރުން މިއީ އާއްމު އެހެން ފަރުދުންނަށް ތަޖުރިބާކޮށްލަން ނުލިބޭ ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރުމަށް ލިބޭ ފުރުޞަތެއްކަމަށްވެސް ޝަކީބް ވިދާޅުވިއެވެ.
"ޕީއެސްއެމްގެ ކުޑަ ދަށުގައި ހުރި ޗެނަލްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާތަކެއް އެބަލިބޭ. އެހުރިހާ ތަޖުރިބާތަކާއެކީގައި، މި މަސައްކަތް ނިމިގެންދާއިރު އަގުހުރި އިނާމްތަކަކަކީ ޝަރަފުވެރި އެވޯޑެއްވެސް ލިބޭ. އަދި އެއްވަނައަށް ހޮވޭ ފަރާތަކަކާއެކު އެއްބަސްވުމެއް އެބަހަދަން ޓީވީގައި ނޫނީ ރޭޑިއޯގައި މަސައްކަތްކުރުމަށް. އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ދާއިމީވުމުގެ ފުރުސަތުވެސް އޮތް ވަޒީފާގެ ފުރުޞަތެއް މި ހުޅުވާލަނީ. މިއީ ދޫކޮށްނުލާވަރުގެ އަގުހުރި ފުރުޞަތެއް" ޝަކީބް ވިދާޅުވިއެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަނަށް ހޮވުނު 16 ބައިވެރިންނަށް ޓިކެޓް ހަވާލުކޮށްފައިވާއިރު، މި މުބާރާތުގެ ޝޯތައް އަންނަ މެއިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރޭޑިއޯއާއި ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ 14:00 ގައި ޕާފޯމަންސް ޝޯތައް ދައްކާއިރު، ބައިވެރިން މުބާރާތުން ވަކިވާ 'އެލިމިނޭޝަން' އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ 14:00 ގައެވެ.
މި މުބާރާތް ކުރިއަށްދާނީ ރޭޑިއޯގެ 7 ފޯމެޓެއް ހިމެނޭ ގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ރިޕޯޓް، ޚަބަރު، ވާހަކަ، އިންޓަވިއު، ލޮކޭޝަން އިންޓަވިއު، ފޯން-އިން އަދި ޑްރާމާ ފޯމެޓްތައް ހިމެނެއެވެ.
މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރުންގެ ގޮތުގައި ތަފާތު އެކި މަސައްކަތްތައް ކުރައްވާފައިވާ 3 ބޭފުޅުންކަމަށްވާ ހަސަން ޙަލީމް، ނުޒުހަތު ޝަމީމް އަދި އަހުމަދު ތަލާލްއެވެ. މުބާރާތުގެ ޕްރެޒެންޓަރަކީ ގިނަ ބައެއްގެ މަޤްބޫލްކަން ލިބިފައިވާ ރޭޑިއޯ އަދި ޓީވީ ޕްރެޒެންޓަރ މިޒްނާ އަހުމަދުއެވެ.
މި މުބާރާތުގެ ތާރީޚަށް ބަލާއިރު، ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރުއެވެ. މިއީ މުބާރާތުގެ 7 ވަނަ ސީޒަން ކަމަށްވާއިރު، މިހާތަނަށް ބޭއްވި 6 ސީޒަންގައިވެސް ޓައިޓްލް ކާމިޔާބުކޮށްފައިވަނީ އަންހެން ބައިވެރިންނެވެ.
މިދިޔަ އަހަރު 25 ހާސް ރުފިޔާގެ އިނާމެއް ދިން ނަމަވެސް، މި އަހަރުގެ މުބާރާތް ކާމިޔާބުކުރާ ފަރާތަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެވޭނެއެވެ. އަދި 2 ވަނައަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާ އަދި 3 ވަނަ އަށް 20,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
މިއީ ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާގައި މަސައްކަތް ކުރާހިތްވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތް: ގަދަ 16 ބައިވެރިންނަށް ޓިކެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ