ނަޝީދުގެ ކެމްޕެއިންގައި އިބުރޭ ބައިވެރިވާތީ ފިޔަވަޅު އަޅައި ދޭން އެދިއްޖެ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފިއެވެ.އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި މީކާއިލް ވިދާޅުވީ ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މީޑިއާތަކާއި މީސް މީޑީއާއިން ފެންނަ ފޮޓޯތަކުން މިކަން ކަށަވަރުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވާ ބޭފުޅަކީ މެމްބަޝިޕްގެ އެންމެހާ ކަންކަމާއި ޕާޓީގެ އެކި ކެމްޕެއިންތައް ހިންގުމަށް ހަވާލުވެ ހުންނަވާ ފަރާތަށްވެފައި އެ ބޭފުޅާ ވާން ޖެހޭނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކި އަތަކަށް ޖެހިވަޑައިނުގެން ނިއުޓްރަލް އަދި ނަޒާހަތްތެރި ބޭފުޅަކަށް ކަމަށް މީކާއިލް ވިދާޅުވި އެވެ.މީކާއިލް ވިދާޅުވީ އިންތިހާބުގައި ނަޝީދަށް ތާއީދު ކުރައްވައި އެ ކެންޑިޑޭޓުގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް ނަޝީދަށް ފޯރުކޮށް ދެއްވައި އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެއް ކަމަށެވެ.ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލި، އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް ވަކި ބަޔަކަށް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީކާއީލްގެ ސިޓީ ނިންމަވާލައްވަމުން އެދިވަޑައިގެންފައިވަނީ މި މައްސަލަ ވީހާ ވެސް އަވަހަށް ބަލައި، ޕާޓީގެ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށެވެ.ޗެއާޕާސަން ގަޕޯއަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، އިބުރޭ މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރި ނަމަވެސް، ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި އޭނާގެ މަގާމު ވަނީ ދާދި ފަހުން އިޔާދަކޮށްފަ އެވެ. އިބުރޭއާ އެކު ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު ވެސް ވަނީ އިޔާދަކޮށްފަ އެވެ.ދެ ބޭފުޅުން ވަކިކުރުމާ އެކު، ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހިމެނޭ ފެކްޝަނުން ވަނީ ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެކަމަކު، ނަޝީދަށް ގައުމީ މަޖިލީހުގެ ގޮނޑިއެއް ދިނުމާ އެކު، ޕާޓީ ހިންގަން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމާ އެކު އެ މައްސަލަ އަނބުރާ ގެންދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ