ސިއްޙީ ދާއިރާއާއި އިޖުތިމާޢި ދާއިރާގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ކުރެވެން ފެށުމުން ރައްޔިތުންނަށް އުއްމީދުކުރާ ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވަޒީރު ވަނީ ދެ ވުޒާރާ އެއްކޮށްލުމުގެ ބޭނުމާއި އެކަމުން ކުރާނެ ފައިދާތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.
ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ސިއްޙީ އަދި އިޖުތިމާޢީ ދާއިރާގައި 10،000އަށްވުރެ ގިނަ މުވައްޒަފުން ތިބިކަމަށާއި، އަދި އެ ދެ ވުޒާރާގެ ދަށުން 70،000އެއްހާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުންދާކަމަށެވެ.
ދެ ދާއިރާ އެއްކުރުމުގެ މަޤްޞަދަކީ ރައްޔިތުން ޤަބޫލުކުރާ ފެންވަރުގެ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިޖުތިމާޢީ ކަންކަމާއި ދުޅަހެޔޮ ސިއްޙަތެއްގައި ރައްޔިތުން ބޭތިއްބުމަށްޓަކައި ބަލިތައް މަދުކުރުމާއި ބަލިތަކަށް ފަރުވާކުރުމުގެ އެންމެހާ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ހޯދަންޖެހޭ ވަޞީލަތްތައް ފުރިހަމަކޮށް ކަންކަން ބައްޓަންކުުރުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށްވެސް ވަޒީރު ޤީލާ ވިދާޅުވިއެވެ.
"ސިއްޙީ އަދި އިޖުތިމާޢީ ދާއިރާގެ ބައެއް މަސައްކަތްތަކަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެކުގައި ކުރެވެން ހުރި މަސައްކަތްތައް. ޚާއްސަކޮށް ފަރުވާދޭ ނިޒާމަކީ ސިއްޙީ ދާއިރާއިން މިހާރު ފޯރުކޮށްދޭ ޚިދުމަތެއްކަމުގައި ވީނަމަވެސް އެއީ އިޖުތިމާޢީ ދާއިރާއިން ތަފާތު ގިންތިތަކުގައި މިއަދު ތިބި ރައްޔިތުންނާ ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްތައް ކުރެވިގެންދާނެ ދާއިރާއެއް." ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ވަޒީރު ވަނީ އިޖުތިމާޢީ ދާއިރާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ މީހުން ތިބިކަމަށާއި އޭގެ ތެރޭގައި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކި ޙާލަތްތަކުގައި ދިރިއުޅެމުންދާ މީހުން ހިމެނޭކަމަށެވެ.
ވަޒީރު ވިދާޅުވީ ސިއްޙީ ދާއިރާއަކީ ހަމަހަމަކަމާއެކު ފަސޭހައިން ޚިދުމަތް ފޯރުކޮށްދެވޭނެ ދާއިރާއެއްކަމަށާއި އަދި ދެވޭ ޚިދުމަތްތަކަކީ ރައްޔިތުން ޤަބޫލުކުރާ ޚިދުމަތަކަށް ވާންޖެހޭކަމަށެވެ. އެގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް ދާ މީހާއަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކުުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުދި ކުދި އާބާދީތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ އެތަންތަނުގައި ބޭނުންވާ އިންސާނީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ޤާއިމްކުރުމަށް ހުރި ދަތިތައް. މިސާލަކަށް ރައްޔިތުންނަށް ބޭނުންވާނީ ދިމާވާ ސިއްޙީ މައްސަލައަކަށް ފަރުވާ ހޯދުމަށް ޖެހިގެން ހުންނަ ރަށަށް ދަތުރެއް ކޮށްގެން ދިއުމުގެ ބަދަލުގައި އެ ރަށެއްގައި ހުރެގެން ޑޮކްޓަރަށް ދައްކާލުމާއި ބޭސް ލިބުން" ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކޮންމެ ރަށެއްގައި ސްޕެޝަލިސްޓް ޑޮކްޓަރެއް ނެތްނަމަވެސް އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ސްޕަޝަލިސްޓް ޑޮކްޓަރުން ރަށްރަށަށް ގޮސްގެން ޚިދުމަތް ދިނުމުގެ މުހިއްމުކަން ފާހަަގަކުރައްވާފައެވެ.
ކުދި އާބާދީތަކުގައި ސްޕަޝަލިސްޓް ޑޮކްޓަރުން ތިބެގެން ޚިދުމަތް ދިނުމަކީ އުނދަގޫކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެކަންކަން ކުރުމަށްޓަކައި ބޭނުންވާ ވަޞީލަތްތަކާއި އެކަމަށް ޚާއްސަ މުވައްޒަފުންވެސް ތިބެންޖެހޭކަމަށެވެ. އެހެންކަމުން ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އިޖުތިމާޢީ ދާއިރާއިންނާއި ޚާއްސަކޮށް ސިއްހީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި އައު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި އެކި ސަރަހައްދުތަކުގައި އައު ޚިދުމަތްތައް ފަށަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ އެކި ސަރަޙައްދުތަކުގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ނާދީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަންވެސް ފޯރުކޮށްދެމުންދާކަމަށެވެ.
"2 ވުޒާރާ އެއްކުރުމުން ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ