ދެ ފޮތި ޕާން ކައިގެން ގޮސް ދުވެލި ގޮތް އާދަޔާ ހިލާފު

ރަސްމީ ރޭހެއްގައި ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ނިންމައިގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދި ކެންޔާގެ ސަބަސްޓިއަން ސަވޭ، ލަންޑަން މެރެތަންގައި ދުވި ގޮތް، ހަގީގަތުގައި ވެސް، ހައިރާންވާހާ މޮޅެވެ.
މިއީ ވާދަވެރި މެރެތަންއެއް ދެ ގަޑިއިރަށް ވުރެ އަވަހަށް ނިންމި ފުރަތަމަ ފަހަރެވެ. ރޭހުން އޭނާ އެއްވަނަ ހޯދީ 1 ގަޑި 59 މިނިޓް 30 ސިކުންތުން ނިންމައިގެންނެވެ.
ރޭހަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކުގެ ތެރޭގައި ހިމެނުނު އެއް ސުވާލަކީ ހެނދުނުގެ ނާސްތާ އެވެ. އުމުރުން 30 އަހަރުގެ ދުވުންތެރިޔާގެ ޖަވާބު ކުރެވެ.
"ދެ ފޮތި ޕާނާއި ސަޔާއި މާމުއިކޮޅެއް،" ސަވޭ ބުންޏެވެ.
އޭގެ ފަހުން އެރީ ރޭހަށެވެ. ސަވޭގެ ސްޕީޑް ހުރީ މިދިއަ އަހަރުގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ މިސްރާބުގަ އެވެ. ނަމަވެސް ރޭސް ދެބައިވެގެން ވަކި ހިސާބަކުން ފެނުނީ ދުނިޔޭގެ ރެކޯޑާ ދިމާއަށް އެނބުރުނު ތަނެވެ. ނިމެން ކައިރިވި އިރު އޭނާ ހުރީ ދެ ގަޑިއިރުގެ ވަގުތު ބްރޭކްކުރެވޭނެ ހާލަތުގަ އެވެ.
އާންމުކޮށް ރޭސްތަކުގެ ފަހު ބައިގައި ދުވުންތެރިންނަށް ދުވެެވެނީ ކުރީ ބަޔަށް ވުރެ ލަސްކޮށެވެ. ނުވަތަ ޕޮޒިޓިވް ސްޕްލިޓް އެވެ. ނަމަވެސް ސަވޭ އިއްޔެ ދުވީ ނެގެޓިވް ސްޕްލިޓްގަ އެވެ. ރޭހުގެ ފަހު ބައިގައި ސްޕީޑް ބާރުކުރީ އެވެ. ތިރީގައި އެވަނީ ކޮންމެ ފަސް ކިލޯމީޓަރެއް ދުވި ވަގުތެވެ.
5 ކިލޯމީޓަރު: 14:14 މިނިޓް
10 ކިލޯމީޓަރު: 28:35 (14:35)
15 ކިލޯމީޓަރު: 43:10 (14:35)
20 ކިލޯމީޓަރު: 57:21 (14:11)
ހާފު މެރެތަން: 1:00:29 
25 ކިލޯމީޓަރު: 1:11:41 (14:20)
30 ކިލޯމީޓަރު: 1:26:03 (14:22)
35 ކިލޯމީޓަރު: 1:29:57 (13:54)
40 ކިލޯމީޓަރު: 1:53:39 (13:42)
ނިންމުން، ފަހު 2.2 ކިލޯމީޓަރު: 5:51
ދުނިޔޭގެ ރެކޯޑް ވަގުތު: 1:59:30
ސަވޭ އެ ވަނީ ފަހު 10 ކިލޯމީޓަރު، ރޭހުގެ 30 ކިލޯމީޓަރުން 40 ކިލޯމީޓަރާ ދެމެދު، ވަރަށް އާދަޔާ ހިލާފު ބާރު މިނެއްގައި ދުވެފަ އެވެ. އެގޮތުން 30 އިން 35 ކިލޯމީޓަރު 13:54 މިނިޓަށް އަދި 35 އިން 40 ކިލޯމީޓަރުގެ ރާސްތާ އެއަށް ވުރެ ވެސް ބާރަށް، 13:42 މިނިޓަށް އެރުވި އެވެ.
އެހާ ހިސާބުން އޭނާއަށް ދެ ގަޑިއިރުގެ ވަގުތު ދުއްވާލެވޭނެކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އޮންނާނީ ހޯދައިދެވިފަ އެވެ.
ސަވޭގެ ފަހަތުގައި ވިއްދައިގެން އެހެން ދުވުންތެރިޔަކު ވެސް ހުއްޓެވެ: އިތިއޮޕިއާގެ ޔޯމިފް ކެޖެލްޗާ އެވެ. މިއީ އޭނާގެ ފުރަތަމަ މެރެތަން ވެސް މެ އެވެ. ލަންޑަން މެރެތަންގެ ދެވަނަ ހޯދީ 1 ގަޑި 59 މިނިޓް 41 ސިކުންތުން ނިންމައިގެންނެވެ. އެއީ ސަވޭއަށް ވުރެ 11 ސިކުންތު ފަހުންނެވެ. އެކަމަކު އެއް ރޭހެއްގައި ދެ ދުވުންތެރިޔަކު މި ވަނީ ދެ ގަޑިއިރު ބްރޭކްކޮށްފަ އެވެ. މިއީ ވެސް އެހާމެ އާދަޔާ ހިލާފު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ