ވައި ގަދަވެ މޫސުން ގޯސް މި ދުވަސްވަރު ފުވައްމުލަކު ނެރު މަތީ އޮއެ ބާރުވެ، އެ ރަށަށް ލަފާ އޮޑިދޯނިފަހަރު ފަރުމައްޗަށް ލައްވާން ފަށައިފި އެވެ.
ފުވައްމުލަކު ބަނދަރު އޮންނަ އެ ރަށުގެ އިރުމަތީ ކަންމައްޗަކީ ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ވެސް ބާނި ހުންނަ، ރާޅު ބޮޑު އަދި އޮއެ ގަދަ ސަރަހައްދެކެވެ. މި ދުވަސްވަރު ދެކުނަށް މޫސުން ގޯސްވުމުން ފުވައްމުލަކު ބަނދަރާއި ނެރުމަތީ ވަކިން ރާޅު ބޮޑެވެ.
މި ނޫހަށް ލިބިފައިވާ ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި ނެރުން ވަންނަން އަންނަ ދޯނިފަހަރު ލައްވަނީ ރަށާއި ވީ ފަޅީގައި އޮންނަ ތިލަ ފަޅުގެ ސަރަހައްދަށެވެ. މިއަދު އެކަނި ވެސް އެތަނަށް ދެ ދޯންޏެއް ލައްވި ކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ބުނެ އެވެ.
މީގެ ތެރެއިން އެއް ދޯންޏަކީ ޓޫރިސްޓުން ގޮވައިގެން ޑައިވިން އަށް ދިޔަ ދޯންޏެކެވެ. ދެ ދޯނި ވެސް މިހާރު ވަނީ ފުން ކޮށްފަ އެވެ.
މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަށުގެ ނެރުމަތީ އޮއި ގަދަވެ، ރާޅު ބޮޑުވެ މޫސުން ގޯސްވަމުން ދާތީ ބަނދަރަށް ވަދެ ނިކުމެ ހަދާއިރު ސަމާލުވުމަށް އެދޭ ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭ ހިމެނޭ ފުވައްމުލަކުގެ ބަނދަރަކީ ޖާގައިގެ ދަތިތަކަން އިންތިހާއަށް ދިމާވެފައިވާ ބަނދަރެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީ ކުރި އެ ބަނދަރުގެ ޖާގަ ބޮޑުކޮށް ޒަމާނީ އަދި ރައްކާތެރި ބަނދަރެއް ބޭނުންވާ ކަމަށް އެ ސިޓީގެ ކައުންސިލާއި ރައްޔިތުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ފުވައްމުލަކަކީ އެ ރަށް އުފެދިފައިވާ ގޮތުން ލަފާ ފުރުމުގައި ދަތިތަކާއި ނުރައްކާ ބޮޑު ރަށެކެވެ. ވަށައިގެން މާ ކަނޑު އޮންނަ އެ ރަށުގެ ބަނދަރު ހެދުމުގެ ކުރިން ލަފާ ފުރުމުގެ ތެރެއިން އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.
ފުވައްމުލަކު ނެރުމަތީ އޮއެ ބާރުވެ ދޯނިތައް ފަރުމައްޗަށް ލައްވަނީ ފުވައްމުލަކު ނެރުމަތީ އޮއެ ބާރުވެ ދޯނިތައް ފަރުމައްޗަށް ލައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ