ހީނާއާއި ދިޔަރެސް އަތުން 10 މިލިއަން ހޯދަން ކުރި ދައުވާ ނާކާމިޔާބުވުމުން، ސަލީމް ހައިކޯޓަށް
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ މިހާރުގެ ސީއީއޯ ހީނާ ވަލީދާއި ދިޔަރެސް މީޑިއާ އަތުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ނާކާމިޔާބުވުމުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފިއެވެ. ހީނާއާއި ދިޔަރެސް އަތުން 10 މިލިއަން ރުފިޔާ ހޯދަން ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ 2022 ވަނަ އަހަރެވެ. އެ އަހަރުގެ އޮގަސްޓް މަހު ސިވިލް ކޯޓުގައި ރަޖިސްޓްރީކުރި މި މައްސަލައަކީ، ސަލީމް އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެ ކަމާ ގުޅިގެން އެ ނޫހުގެ މަސްއޫލުވެރި ފަރާތުގެ ހައިސިއްޔަތުން ދިޔަރެސް މީޑިޔާގެ މައްޗަށް، އަދި އެ ނޫހުގެ އެޑިޓަރުގެ ހީނާގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދަން ސަލީމް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި ސެޕްޓެންބަރު 21 ގައި ސިވިލް ކޯޓުން ވަނީ ސަލީމްގެ ފަރާތުން ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ހީނާއަށް 15،000 ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ. އަދި، މި މައްސަލައިގައި ސަލީމްގެ ފަރާތުން އެދުނު ފަރުވާތައް ނަގައިދެވެން ނެތް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ. https://sun.mv/211656 އެހެންވެ، ސަލީމްގެ ފަރާތުން މިދިޔަ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ. މީގެ ތިން އަހަރު ކުރިން ސަލީމް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ ދިޔަރެސް ނުހޫގައި ލިޔެފައިވާ ލިޔުމެއްގައި ލިޔެފައިވާ ލިޔުންތަކަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި އެކަން އެ ނޫހުން ކުރީ އޭނާގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ. "އެ ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވީޑިއޯއަކާ ހަވާލާދީ، އެ ވީޑިއޯއިން ނުފެންނަ މީހަކީ އަހްމަދު ސަލީމްކަމަށް ލިޔެފައިވާއިރު، އެ ވީޑިއޯއިން ފެންނަކަމަށް ބުނާ ފަރާތާއި އެކަމުގެ ހަގީގަތް ސާފުކުރުމުގެ ގޮތުން ސުވާލެއް ވެސް ކޮށްލުމެއް ނެތި، އެ ލިޔުން ލިޔެފައިވަނީ އެއްވެސް ޒިންމާދާރުކަމެއް އިންސާފުވެރިކަމެއް ނެތް ގޮތެއްގައި،" ސަލީމް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް: އޭނާ ވަނީ ދިޔަރެސްއާއި ހީނާ ގޮވައިގެން ހައިކޯޓަށް ވަޑައިގެންފައި -- ފޮޓޯ/ މަޖިލިސް އެ ދުވަހު ލިޔެފައިވާ ލިޔުމުގެ ސަބަބުން އޭނާއަށް ގެއްލުންތަކެއްވެފައިވުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސަލީމް ވަނީ އެދިފައެވެ. މި މައްސަލަ ސަލީމްގެ ފަރާތުން މިހާރު އުވާލެވިފައިވާ މީޑިއާ ކައުންސިލަށް ހުށަހެޅިކަން ފާހަގަކޮށް، ހީނާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ މީޑިއާ ކައުންސިލްގައި އެ ޝަކުވާ އުފުލާފައިވަނީ ޝަރީއަތުން އެ މައްސަލަ ކާމިޔާބު ނުވާނެތީ ކަމަށެވެ. އަދި، މީޑިއާ ކައުންސިލަށް ހުށަހެޅި ޝަކުވާގައި މި ދައުވާ ކުރިއަށް ނުގެންގޮސް ދޫކޮށްލުމަށް އިގުރާރުވެފައިވާ ކަމަށް ދިފާއުން ފާހަގަކުރިކަން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ސިވިލް ކޯޓުން ސެޕްޓެންބަރު މަހު ކުރި ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ