ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ކިބައިގައި އަޚްލާޤީ ރިވެތި ސިފަތައް އަށަގަންނުވާ: ރައީސް މުޢިއްޒު

ކުޅިވަރުގެ ސަބަބުންގެ ޒުވާނުންގެ ކިބައިގައި އަޚްލާޤީ ރިވެތި ސިފަތައް އަށަގެންނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 
ތަރައްޤީއާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޅިވަރުގެ ދުވަހާ ގުޅިގެން، މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތި، މީހުން ގުޅުވައިދޭ ބާރެއް ކަމަށެވެ.
އަދި ކުޅިވަރަކީ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއް ކަމަށާއި، މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމަށް ލިބޭ ވަރުގަދަ ފުރުޞަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުޅިވަރުގެ އަގުތައް ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ކިބައިގައި އަޚުލާޤީ ސިފަތަކާއި، ކަންކަމަށް ކެތްތެރިވުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އަދި އެކަކު އަނެކަކަށް އިޙުތިރާމްކުރުން ފަދަ މުހިންމު ސިފަތައް އަށަގަންނަވާ ކަމަށެވެ.
މީގެ ސަބަބުން ދުޅަހެޔޮ، އަމާޒެއް އޮތް ދިރިއުޅުމެއް އުޅުމަށާއި ޤައުމީ ތަރައްޤީގައި ހިއްސާވުމަށް ޒުވާނުންނަށް މަގުފަހިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުންދޭ އެއްބާރުލުން ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ، މި ދާއިރާ ތަރައްޤީކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމާއި، ޒުވާނުންގެ މެދުގައި މޮޅު ނަތީޖާ ހޯދުމުގެ ޝައުޤުވެރިކަން އުފެއްދުން ކަމަށެވެ.
އަދި މިއީ އިޤްތިޞާދީ ކުރިއެރުމަށާއި، އެންމެން ގުޅިގެން ވަރުގަދަ މުސްތަޤްބަލެއް ބިނާކުރުމަށް އެޅޭ ބާރެއް ކަމުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރުގެ ބާރު ބޭނުންކޮށްގެން ޤައުމު އިތުރު ކާމިޔާބީތަކަކަށް ވާސިލްކޮށް، ދެމެހެއްޓެނިވި ސުލްހައަކަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ