ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު އިސްރާއީލުގެ އާގު ބޯޓަކަށް އީރާނުން ހަމަލާދީފި

ތެހެރާން (4 އެޕްރީލް 2026) : ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު އިސްރާއީލުގެ އާގު ބޯޓަކަށް އީރާނުން ދިން ހަމަލާއެއްގައި އެބޯޓުގައި އަލިފާން ރޯވެއްޖެއެވެ. އީރާނުގެ އިންގިލާބީ ލަޝްކަރު އާ ހަވާލާދީ "ސަބާނިއުސް" ބުނާގޮތުން މި ބޯޓަކީ އެހެން ގައުމެއްގެ ދިދަ ނަގައިގެން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން މަކަރުވެރި ގޮތަކަށް މަސައްކަތްކުރި ޔަހޫދީ އިސްރާއީލުގެ މަސްލަހަތު އޮންނަ ބޯޓެކެވެ. އީރާނުގެ އަސްކަރީ ޑްރޯނަކުން ދިން ހަމަލާއެއްގައި އެ ބޯޓުގައި އަލިފާން ރޯވުމާއެކު ބޯޓުވަނީ ހުރުމުޒު ކަނޑުއޮޅީގެ މެދުތެރެއަށް ހުއްޓިފައެވެ. ގަލްފުގެ މަސްދަރުތައް ބުނާގޮތުންވެސް ބަހްރައިން އިން ފުރައިގެން ހުރުމުޒު ކަނޑުއޮޅިއާ ދިމާއަށް ދަތުރު ކުރަމުން ދިޔަ އިސްރާއީލުގެ ޕްރައިވެޓް ކުންފުންޏެއްގެ އާގު ބޯޓަކަށް ވައިގެ ހަމަލާއެއް އަރައި އޭގައި ވަނީ އަލިފާން ރޯވެފައެވެ. އީރާންވަނީ އެމެރިކާއާއި އިސްރާއީލުން އެ ގައުމާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައިގައި އަމިއްލަ ދިފާއަށްޓަކައި ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އަތުލާފައެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި މިކަނޑުއޮޅި ވާއިރު މިކަނޑުއޮޅިން މިހާރު ހުރަސްކުރެވެނީ އީރާން ހުއްދަ ދޭ ބޯޓުތަކަށް އެކަންޏެވެ. އީރާނުގެ ހުއްދަނެތި ދަތުރުކުރާ ކޮންމެ ބޯޓަކަށް އީރާން ގެންދަނީ ހަމަލާދެމުންނެވެ. ހަނގުރާމަ ފެށިފަހުން އީރާނުން މިހާތަނަށް 12 ބޯޓަކަށް ހަމަލާދީފައިވެއެވެ. ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ނުލިބިގެން އެކަނޑުއޮޅީގެ ދެފަރާތުގައި މިހާރުވެސް 300 އަށް ވުރެގިނަ ބޯޓު މަޑުކޮށްގެން ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެތެރޭގައި ތެޔޮ ޓޭންކަރުތަކާއި މުދައު އުފުލާ ކޮންޓެއިނަރު ބޯޓުތައް ހިމެނެއެވެ. އިއްޔެވަނީ ފަރަންސޭސިވިލާތުގެ ތެޔޮޓޭންކަރެއް ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށްފައެވެ. އެ ޓޭންކަރު ހުރަސްކުރުމުގެ ހުއްދަ އީރާނުން ދިނީ އީރާނަށް ދެ މިލިޔަން ޑޮލަރުގެ ފީއެއް ޗައިނާގެ ފައިސާކަމަށްވާ ޔުވާން އިން ދެއްކުމަށް ފަހުގައިކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާން ބުނާގޮތުން ހަނގުރާމައަށް ފަހުވެސް ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުން ދޫކޮށެއް ނުލާނެއެވެ. އެތަނުން ދަތުރުކުރުގެ ހުއްދަ ދޭނީ އެތަން ހުރަސްކުރުމުގެ ފީ އެއް (އީރާން ކަނޑައަޅާ ގޮތަކަށް) ދެއްކުމުންނެވެ. އެމެރިކާ ވަނީ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށްޓަކައި އެސަރަހައްދަށް އަސްކަރީ މަނަވަރެއް ފޮނުވަންވެސް ބިރުގެންފައެވެ. އެއީ އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީގެން އެތަނަށް ފޮނުވާ ކޮންމެ މަނަވަރެއް ފައްތާލަފާނެކަމުގެ ބިރަށެވެ. ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ މިހާތަނަށް އީރާނުން ދީފައިވަނީ އިންޑިއާ، ޗައިނާ، ޖަޕާން ތައިލެންޑް، ފިލިޕީންސް އަދި ތުުރުކީއާއި އިރާގު އަދި ފަރަންސޭސިވިލާތުގެ ބޯޓުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ