ބާކީ އޮތީ ދެދުވަސް، އީރާނަށް އަލިފާނުގެ ވާރޭ އޮއްސާނަން - ޓްރަމްޕް

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތަކާއިއެކު ވަރުގަދަ އިންޒާރެއް ދީފިއެވެ.
އީރާނަށް ދިން އާ އިންޒާރެއްގައި، ޓްރަމްޕް ވިދާޅުވީ، "އަލިފާނުގެ ވާރޭ އެމީހުންގެ މައްޗަށް އޮއްސާލުމުގެ ކުރިން" އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ލިބިފައިވަނީ 48 ގަޑިއިރު ކަމަށެވެ. ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ހިއްސާކުރެއްވި މެސެޖެއްގައި، ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ މައްސަލައިގައި ޓްރަމްޕް ކުރިން ދެއްވި 10 ދުވަހުގެ ސުންގަޑި ޓްރަމްޕް ވަނީ އީރާނަށް ހަނދާންކޮށްދީފައެވެ.
"އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދިހަ ދުވަހުގެ މުއްދަތެއް ދިން ހަނދާން އެބަހުރި ހެއްޔެވެ؟ ވަގުތު މިދަނީ ހުސްވަމުންނެވެ. އަލިފާނުގެ ވާރޭ އެމީހުންގެ މައްޗަށް އޮއްސާލުމުގެ ކުރިން ބާކީ އޮތީ 48 ގަޑިއިރެވެ." ޓްރަމްޕް ވިދާޅުވިއެވެ.
އީސްޓާ މަންޑޭއާ ހަމައަށް ޓްރަމްޕް ދެއްވި މުހުލަތު އަލުން ހަނދާންކޮށްދެއްވާފައި މިވަނީ، އީރާން މަތިން ވައްޓާލި އެފް-15 މަތިންދާބޯޓުގެ ކޯ-ޕައިލެޓް ސަލާމަތްކުރެވުނު ނަމަވެސް، އެ ބޯޓުގެ ޕައިލެޓް ހޯދުމަށް އެމެރިކާއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އީރާނުން ދަނީ އިސްރާއީލަށާއި ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް މިސައިލް ހަމަލާތައް ދެމުންނެވެ.
މި މުހުލަތު އިތުރުކޮށް، 10 ދުވަހުގެ މުހުލަތެއް ދެއްވާފައިވާކަން ޓްރަމްޕް ކުރިން އިއުލާން ކުރެއްވީ މާޗް 26 ގައެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރާ މި ކަނޑުއޮޅިން ކުރާ ވިޔަފާރި ދަތުރުފަތުރުތައް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އެއީ ތެޔޮ އުފުލާ ބޯޓުތަކަށް ތަކުރާރުކޮށް ހަމަލާދިނުމާއި، އެމެރިކާ އާއި އިސްރާއީލުގެ އުޅަނދުފަހަރަށް އީރާނުން އިންޒާރު ދެމުންދާތީއެވެ.
ކަނޑުއޮޅި ހުޅުވާލުމަށް ޓްރަމްޕް ގޮވާލެއްވީ، ތުރުކީގެ ދެވަނަ އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
"މިކަން ކުރެވުނީ އަޅުގަނޑުމެންގެ އިސްނެގުމުގެ ސަބަބުންނާއި، އަދި މި އުޅަނދުފަހަރަކީ އީރާނުގެ ބަނދަރުތައް ބޭނުންކުރާ ނުވަތަ އީރާނަށް މުދާ އުފުލާ ނުވަތަ އީރާނުން މުދާ ބަރުކޮށްގެން ދަތުރުކުރާ އުޅަނދުފަހަރަށް ވާތީ،" ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްގާދިރު އުރަލޯގްލޫ ސީއެންއެންއަށް ވިދާޅުވިއެވެ. ތުރުކީގެ ފުރަތަމަ އުޅަނދު އެ ސަރަހައްދު ހުރަސްކުރީ އީރާނުގެ ހުއްދަ ލިބުމަށްފަހު މާޗް 13 ގައެވެ.
އީރާނުން ދަނީ އެ ކަނޑުއޮޅީގެ މައްޗަށް ސިޔާދަތީ ބާރު އޮތް ކަމަށް ދައުވާކޮށް، ފީ ނެގުމަށް ބާރުއަޅަމުންނެވެ. މިއީ އެމެރިކާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ކަންބޮޑުވާ ކަމެކެވެ. އެމެރިކާއިން ބިރުގަންނަނީ އީރާނުގެ ސަރުކާރުން މި ހާލަތުގެ ބޭނުން ހިފައިގެން، ވެރިކަމުގައި ދެމިއޮތުމަށް އާ އާމްދަނީ ހޯދާފާނެތީއެވެ.
ސީއެންބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކަނޑުއޮޅިން ކުރާ ދަތުރުފަތުރު ވަނީ 90 އިންސައްތަ ދަށަށް ގޮސްފައެވެ.
ފްރާންސްގެ ކުންފުންޏަކަށް ނިސްބަތްވާ ކޮންޓެއިނަރު އުފުލާ ބޯޓަކާއި، އޮމާނާ ގުޅުންހުރި ތިން ޓޭންކަރެއްގެ އިތުރުން، ގުދުރަތީ ގޭސް އުފުލާ ޖަޕާނުގެ ޓޭންކަރެއް އެ ސަރަހައްދު ހުރަސްކޮށްފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވެއެވެ.
އީރާނުގެ ތާއީދު އޮންނަ ހޫތީންގެ އިސް ލީޑަރަކު ވަނީ، ރަތްކަނޑުގެ ދެކުނު ކޮޅުގައި އޮންނަ މުހިންމު އެހެން މަގެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެއީ ގަލްފުގެ އެމެރިކާގެ އެއްވެސް ބައިވެރިއަކު އީރާނާ ދެކޮޅު ކެމްޕޭނުގައި ބައިވެރިވެއްޖެ ނަމައެވެ.
"ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމުގެ އިޚްތިޔާރަކީ ޔަމަނުގެ އިޚްތިޔާރެކެވެ. އީރާނާއި ލުބުނާނާ ދެކޮޅަށް ދޭ ހަމަލާތައް ވަހުޝީ ދަރަޖައަކަށް އިތުރުވެއްޖެ ނަމަ، ނުވަތަ ގަލްފުގެ އެއްވެސް ގައުމަކުން [ޒަޔަނިސްޓް] ދައުލަތަށް ނުވަތަ އެމެރިކާއަށް އެހީތެރިވުމަށް އަސްކަރީ އޮޕަރޭޝަންތަކުގައި ސީދާ ބައިވެރިވެއްޖެ ނަމަ، އެ ފިޔަވަޅު އެޅިދާނެ" ހޫތީންގެ ޑެޕިއުޓީ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު މަންސޫރު އަލް މޮނިޓަރަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ