ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫން، ނާކާމިޔާބީއަކީ ގަދައަޅާ މަސައްކަތްކުރަން ލިބޭ ފުރުސަތެއް: މުއްތަލިބު

ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު މިހެން ވިދާޅުވީ މިއަދު އޮތް އިންތިހާބާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވީ ޑިމޮކްރަސީގެ މަގަކީ ސީދާ މަގެއް ނޫން ކަމަށާ އެއްކޮޅަށް ދަތުރުކުރާ އަދި އެއްކޮޅަށް ވައިޖެހޭ މަގެއް ވެސް ނޫން ކަމަށެވެ.
ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ބުނާނެ ކަމަށާ ބައެއް ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަން ވެސް ބުނާނެ ކަމަށެވެ.
"ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫނެވެ. ކާމިޔާބީ އަކީ އެކަމާމެދު ހިތްތިރި ކުރަންޖެހޭ ކަމެކެވެ. ހަމައެހެންމެ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތެކެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުން މިނަން ޖެހޭނީ ލިބޭ ކާމިޔާބީއަކުން އެކަންޏެއްނޫނެވެ,"
ވަޒީރު ވިދާޅުވި އެހެނެއްކަމަކު އެއީ ސާބިތުކަމާއެކު ކަންކަން އިސްލާޙުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުން ކަމަށެވެ. ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކީ އެއަށް އެންމެން އިޙްތިރާމް ކުރަންޖެހޭ ނިންމުއް ކަމަށެވެ. ރައްޔިތުންގެ ޚިދުމަތުގައި އުޅޭ ކޮންމެ މީހަކީ ރައްޔިތުންގެ ނިންމުމުން ހިމޭންކަމުގައި ހުރެ، ފިލާވަޅު ލިބި، އަބުރުވެރިކަމާއެކު ހިއްވަރުކުރަން ޖެހޭ މީހެއް ކަމުގައި ވިދާޅުވި އެވެ.
"ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއްނޫނެވެ. ތާރީޚު ލިޔެވެނީ ބައިބަޔަށެވެ. ޚިދުމަތްކުރުމުގައި މަޤްޞަދެއް އޮތް މީހަކު ދެ ޞަފްޙާ ދޭތެރެއިން ނުގެއްލޭނެއެވެ," ވަޒީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ