"ފޯކަސް ހުރީ މެޑައްޔަށް"

ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް މުބާރާތަށް އިންޑިއާއަށް ދިޔަ ޓީމަކީ ވަރަށް އުންމީދީ ޓީމެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބުދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
15 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ ޤައުމީ ޓީޓީ ޓީމު މުބާރާތަށް ފުރުމުގެ ކުރިން ޓީމާއި ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، ވަޒީރު ވިދާޅުވީ ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި ﷲ އިރާދަފުޅުން މި މުބާރާތުން ލިބޭ ކާމިޔާބީއާއި އެކީގައި ކުރިޔަށް އޮތް މުބާރާތްތަކަށް ރާއްޖެއަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެކަމަށެވެ.
"އެހެންވީމަ މިއީ އިރާދުކުރެއްވިއްޔާ ހަމަ ރަނގަޅު ކާމިޔާބީއެއް ހޯދާނެ މުބާރާތެއް، ޓީމު އޮތީ ތައްޔާރުވެފަ. ﷲ އިރާދުކުރެއްވިއްޔާ މި މުބާރާތުން ލިބޭ ކާމިޔާބީއާއި އެކީގައި ކުރިޔަށް އޮތް މުބާރާތްތަކަށް އަޅުގަނޑުމެންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް ރާއްޖެއިން ބައިވެރިވާ މުބާރާތެއް ކަމަށާއި، މެޑަލްވެސް ހޯދާ މުބާރާތެއްކަމަށެވެ. އަދި އުންމީދަކީ ކުރިޔަށް ހުރި މުބާރާތްތަކަށް ތައްޔާރުވުމާއި، މި މުބާރާތުން ކާމިޔާބު ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް ސަމާލުކަންދިނުން ކަމަށެވެ.
"އަޅުގަނޑު އެ ކުދިންނަށް ދިން އިރުޝާދަކީވެސް ހަމަ މެންޓަލީވެސް ފިޒިކަލީވެސް، ސައިކޮލޮޖިކަލީވެސް، މި މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ފޯކަސްކޮށްދޭށޭ، ޓީމެއް ގޮތަށް މަސައްކަތްކޮށް، އަދި މެޗުތަކުގައި ކޯޗުންގެ އިރުޝާދުތަކަށް ފޯކަސްކޮށްގެން ރަނގަޅު ނަތީޖާއެއް ހޯދުން" ވަޒީރު ވިދާޅުވިއެވެ.
މިއީ މިމަހުގެ 8-11 އަށް އިންޑިއާގެ ޝިމްލާގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ. މިއީ ޓީޓީ ޓީމުން މިއަހަރު ބައިވެރިވާ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ވާދަކުރާނީ އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ، އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ