ލަންޑަން (މާޗް 28) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އިންގްލެންޑާ 1-1 އިން އެއްވަރުވި މެޗުގައި އުރުގުއޭގެ މިޑްފީލްޑަރު، މެނުއަލް އުގާޓޭ އަށް ދެ ރީނދޫ ކާޑު ދެއްކުމަށް ފަހު ވެސް، އޭނާ އަށް ރަތް ކާޑެއް ނުދެއްކުމުން ރޭގެ މެޗުގައި އިންސާފުކުރި ޖަރުމަނުގެ ރެފްރީ، ސްވެން ޖަބްލޯންސްކީ އަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
އުގާޓޭ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ، 71 ވަނަ މިނިޓްގައި ކޯލް ޕާމާ އަށް ފައުލުކުރުމުންނެވެ. އޭގެ 10 މިނިޓް ފަހުން، އިންގްލެންޑުން މެޗުގައި ބެން ވައިޓް ޖެހި ލަނޑުން ލީޑުނެގުމުން ޝުއޫރުފާޅުކުރި ގޮތުން، އުގާޓޭ އަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ރަތެއް ނުދައްކަ އެވެ.
މެޗަށް ފަހު، އިންގްލެންޑްގެ ޑިފެންޑަރު، ހެރީ މެގުއާ ބުނީ، އުގާޓޭ އަށް ދެ ރީނދޫ ކާޑު ދެއްކިކަން ރެފްރީ ޖަބްލޯންސްކީ ގާތުގައި ބުނުމުން، އޭނާ ބުނީ، އުގާޓޭގެ ދެ ވަނަ ރީނދޫ ކާޑު ވަނީ ކެންސަލްކޮށްފައި ކަމަށެވެ. އެކަމަކު، ފަހުން އެނގުނު ގޮތުގައި، ރެފްރީ ފުރަތަމަ ރީނދޫ ކާޑު ދެއްކީ ހޯސޭ މާރިއާ ޖިމެނޭޒަށް ކަމަށް ނިންމާފައި ކަމަށާއި އެހެންކަމުން، މިހާރު މި އޮތީ އުގާޓޭ އަށް ދެ ރީނދޫ ކާޑު ދެއްކުމަށް ފަހު، އެއްވެސް ރީނދޫ ކާޑެއް ނުދައްކާ ހާލަތަކަށް ބަދަލުވެފައި ކަމަށް މެގުއާ ވަނީ ބުނެފަ އެވެ.
އިންގްލެންޑްގެ ކުރީގެ ފޯވާޑް އިއަން ރައިޓް ބުނީ، ރެފްރީ ބޮޑު ގޯހެއް ހެދުމަށް ފަހު، އެކަން ހައްލުކުރަން ހަދާފައި މި އޮތީ އެ އަށް ވުރެން ބޮޑު ގޯހެއް ކަމަށެވެ. އޭނާ ބުނީ، އުގާޓޭގެ ފުރަތަމަ ރީނދޫ ކާޑަކީ އޭނާ ޕާމާ އަށް ކުރި ފައުލަކަށް ދެއްކި ރީނދޫ ކާޑެއް ކަމަށާއި އެ އެހެން ކުޅުންތެރިއަކަށް ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އުރުގުއޭ އިން ރޭގެ މެޗުގައި އިންގްލެންޑާ އެއްވަރުކުރި ޕެނަލްޓީއަކުންނެވެ. ފެޑެރީކޯ ވަލްވޭޑޭ ވަނީ ލިބުނު ޕެނަލްޓީ ހަމަޖެހިލައިފައި ކާމިޔާބުކޮށްފަ އެވެ. މި ޕެނަލްޓީ ދޭން ނިންމި ނިންމުމާ މެދު ވެސް އިންގްލެންޑުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ދެ ރީނދޫ ކާޑު ދެއްކި ނަމަވެސް އުގާޓޭ އަށް ރަތެއް ނުދައްކާ! ދެ ރީނދޫ ކާޑު ދެއްކި ނަމަވެސް އުގާޓޭ އަށް ރަތެއް ނުދައްކާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ