ބީއެމްއެލްއިން ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭ ފުރިހަމަ ކަމެއް: ސީއެމްޑީއޭގެ ސީއީއޯ

ބީއެމްއެލްގެ ހިއްސާތަކަށް ގެންނަ ބަދަލާއެކު ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަމުން ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ ބީއެމްއެލްގެ ހިއްސާ 1 އިޒްޓު 10 ރޭޝިއޯ އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށްޖެހޭ އަގު ހެޔޮވުމުން ހިއްސާ ގަނެ ވިއްކާ މިންވަރު އިތުރުވެ ފަހި ބަދަލުތަކެއް ހިއްސާގެ ބާޒާރަށް އަންނާނެ ކަމަށެވެ. ހިއްސާ ވިއްކާ އަގުތައް މިހާރު ހުރީމަތީ އަގެއްގައި ހިފަހެއްޓިފައި ކަމަށާއި އެހެންނަމަވެސް ހިއްސާގެ އަގު ކުޑަ ވެއްޖެނަމަ ބެންކުގެ 'ގްރޯތު ޕޮޓެންޝަލް' އިތުރުވެގެންދާނެ ކަމަށް މަނިކު ވިދާޅުވިއެވެ.
"ބެންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓްވީމަ ހިއްސާގެ އަގުދަށްވެފައި އެ ވިއްކަން ފެށީމަ އަޅުގަނޑުގެ ލަފާކުރުމަކީ މާދުރު ނޫން މުސްތަގްބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރުގުނައަށް ދިއުމަކީވެސް އެކަށީގެންވާ ކަމެއް" މަނިކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލިސްޓްކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް ބީއެމްއެލްއިން ހިއްސާތަކަށް ގެނައި ފަދަ ބަދަލެއް ގެނައުމަކީ ސީއެމްޑީއޭގެ އެދުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުންފުނިތަކަށް ވެސް ފައިދާވާނެ ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވެސް ވިދާޅުވީ ބީއެމްއެލްގެ ހިއްސާގެ މޫނުމަތީ އަގު ކުޑަވެގެން ދިއުމުން ހިއްސާ އަތްފޯރާ ފަށަށް އައިސް ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.
ހިއްސާ ބާޒާރުގެ ތާރީޚަށް ބަލާއިރު ހިއްސާ ގަންނަން ބޭނުންވާ ފަރާތްތައް ގިނަކަމަށާއި އެހެންނަމަވެސް ހިއްސާ ވިއްކަން ބޭނުންވާ މީހުން މަދުކަން ފާހަގަކޮށް އައުޝަން ވިދާޅުވީ ބީއެމްއެލްގެ މި ނިންމުމާއި ގުޅިގެން ހިއްސާ ވިއްކާ ފަރާތްތައް ވެސް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން މާކެޓްގެ ހަރަކާތްތައް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އައުޝަން ވިދާޅުވިއެވެ.
ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލުގެ ތެރޭގައި ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް' ( 18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާ ގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާއަށް ހުށަހަޅާފައެވެ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެއެވެ.
ދެން އޮތީ 1 އިޒްޓު 10 ރޭޝިއޯ އިން ހިއްސާ ބައިކުރުމެވެ. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުމެވެ.
މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އެހެންކަމުން މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހެއްގެ ޖުމްލަ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެއެވެ.
އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެއެވެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެކަމަށް އެ ބޭންކުން ބުނެއެވެ.
ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކުގެ ތެރޭގައި އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުމާއި، ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ. އަދި މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުމުގެ އިތުރުން މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުންވެސް ހިމެނޭކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ