ގދ. ހޯޑެއްދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ހޯޑެއްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މަޝްރޫޢު ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ޝަމީޒްއާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝްގެ އިތުރުން، ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހޯޑެއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހޯޑެއްދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އުންމީދު ކުރަމުން އައި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ މުހިންމު މަޝްރޫއެއް ކަމަށްވެސް އެކުންފުނިން ސިފަކުރެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީ ކުރުމަށް މަޖުބޫރު ނުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެއެވެ.
އޭގެ ބަދަލުގައި ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ޙައްލު ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، މަގު މަރާމާތު ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވާ ކަމަށް ސަރުކާރުން މައުލޫމާތު ދެއްވައެވެ. އެހެންކަމުން އެފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ޙައްލު ކޮށްދެއްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ހޯޑެއްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ