އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނިމިދިޔަ ސަރުކާރުގައި މަހެއްގެ މައްޗަށް މުސާރަ ދިނުމަށް 900 މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް މިހާރު މަހެއްގެ މައްޗަށް މުސާރައަށް ކުރާ ހަރަދު 400 މިލިއަން ރުފިޔާއިން އިތުރުވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ފުވައްމުލަކު ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ މި ސަރުކާރުން ހަރަދު ކުޑަނުކޮށް މުސާރައަށް ކުރާ ހަރަދު އިތުރުކޮށްފައިވާކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ވެރިކަމުގައި 900 މިލިއަން ރުފިޔާ ހަރަދުކުރަމުން އައި ޕޭރޯލް ބިލަކަށް މިހާރު މަހެއްގެ މައްޗަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަ ހޭދަކުރޭ. އަހަރެއްގެ މައްޗަށް 4.8 ބިލިއަން ރުފިޔާ އިތުރަށް އެބަ ހަރަދުކުރޭ. ހަރަދު ކުޑަކުރަންޏާ ކުރަންވީ ކަމަކީ،" ސޯލިހު ވިދާޅުވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ހަރަދު ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ އެއްވެސް ހާލެއްގައި ހަރަދު ކުޑަކުރަން ކުރަން އުޅޭ ކަމެއް ނޫން ކަމަށް ސޯލިހު ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތު ހިފައިގެން ނުކުންނަ ކެންޑިޑޭޓުންނަށް ރަށްރަށަށް ތަރައްގީ ނުގެނެވޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުންގެ މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެ ކެންޑިޑޭޓުންގެ ސިޔާސަތުތަކުގައި މައްސަލަތަކެއް ހުރި ކަމަށް ސޯލިހު ވިދާޅުވި އެވެ.
"މުއިއްޒުގެ ސިޔާސަތު ހިއްޕަވައިގެން ނުކުންނަވާ ބޭފުޅަކަށް ރަށަކަށް ތަރައްގީއެއް ނުގެނެވޭނެ. ތި އިން ރައްޔިތަކަށް ހެވެއް އެދިގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ހަމައެކަނި ވިދާޅުވީމާ ވިދާޅުވާ ކަމެއް ކުރުން ނޫން ކަމެއް އެ ބޭފުޅުންނަށް ނުކުރެވޭނެ،" ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވަނީ ކައިރިން ހިދުމަތްތައް ލިބޭނެ ގޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ކުރަމުން ނުދާ ކަމަށް ސޯލިހު ވިދާޅުވި އެވެ. އެޓޯލްސް މިނިސްޓްރީއެއް އުފައްދައި ބާރުތައް މަރުކަޒު ކުރަމުންދާކަން ރޭގެ ވާހަކައިގައި ވެސް ސޯލިހު ފާހަގަކުރެއްވި އެވެ.
"އަތޮޅު ކައުންސިލް އުވާލުމަށް ފަހު އެ ހައްދަވަނީ ރީޖަނަލް އޮފީސްތަކެއް، ހަރަދު ކުޑަކުރާ ވާހަކަ ދެއްކެވީ. އެހެން ނަމަވެސް އެ ތަންތަނަށް އެ ލައްވަނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ޕޮލިޓިކަލް ޑިރެކްޓަރުން، ހަމަ އެ ހަރަދު ކުރައްވަނީ،" ސޯލިހު ވިދާޅުވި އެވެ.
މުސާރައަށް ކުރާ ހޭދަ މަހަކު 400 މިލިއަން ރުފިޔާއިން އިތުރުވެއްޖެ: ސޯލިހު މުސާރައަށް ކުރާ ހޭދަ މަހަކު 400 މިލިއަން ރުފިޔާއިން އިތުރުވެއްޖެ: ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ