މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަސައްކަތް ފަށައިފި

ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މަޝްރޫޢު ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ޝަމީޒްއާއި، މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަންގެ އިތުރުން، ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށެވެ. އެއީ 400 ދުވަހުން މަސައްކަތް ނިންމާ ގޮތަށް 174.5 މިލިޔަން ރުފިޔާއަށެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
2000އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މަޑަވެލިއަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ. މިއަދު ފެށިގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށުގެ ބިން އިތުރުވެ، މިރަށު ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އެެމްޓީސީސީން ވިދާޅުވެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމުގެ ސަބަބުން އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފެށިގެންދިއުމަކީ އެރަށު ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ