އަކްޝޭ، ސޮނީގެ ޓީވީ ޝޯއެއް ހޯސްޓް ކުރަނީ

އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ޗެނަލް ސޮނީއިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ގޭމް ޝޯއެއް ހޯސްޓުކުރަން އެކްޓަރު އަކްޝޭ ކުމާރު ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ޝޯގެ ނަމަކީ "ވީލް އޮފް ފޯޗޫން އިންޑިއާ"އެވެ. މި ޝޯ އަކީ 1975 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ގެނެސްދެމުން އަންނަ "ވީލް އޮފް ފޯޗުން"ގެ އިންޑިއާ ވާޝަންއެވެ. އިންޑިއާ ޝޯގެ ޕްރޮމޯތަކެއް ވެސް އަކްޝޭ ހިމަނައިގެން ޝޫޓްކޮށް ސޮނީން ދައްކަމުން އަންނައިރު މި ޝޯ ޕްރީމިއާކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. މި ޝޯ އަކީ ސޮނީން މިހާތަނަށް ގެނެސްދެމުން އަންނަ އެންމެ ހައި ޕްރޮފައިލް ޝޯތަކުގެތެރޭ ހިމެނޭ ގޭމް ޝޯއެއް ކަމަށާއި އަކްޝޭއާ އެކު މި ޝޯ ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ސޮނީއަށް އެބައޮތް ކަމަށް އެ ޗެނަލާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. އަކްޝޭ ހޯސްޓުކުރާ "ވީލް އޮފް ފޯޗުން"ގެ ޝޯގެ ޕްރޮމޯއެއްގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް އަކްޝޭ މިހާތަނަށް ހޯސްޓުކުރި ޓީވީ ޝޯތަކުގެތެރޭ "ޚަތުރޯންކީ ކިލާޅީ"، "ފިއާ ފެކްޓާ" އަދި "މާސްޓަ ޝެފް" ހިމެނެއެވެ. ވަރަށް ބިޒީ ފިލްމު ޝެޑިއުލްއެއްގައި އުޅެމުން ވެސް ޓީވީ ޝޯއެއް ހޯސްޓުކުރަން އަކްޝޭ އެއްބަސްވާނީ އެއީ ވަރަށް ރަނގަޅު ބެލުންތެރިންނާ ގުޅޭ ކަހަލަ ޝޯއަކަށް ވުމުން ކަމަށް އެކްޓަރު ސަޕޯޓަރުން ވަނީ ބުނެފައެވެ. އަކްޝޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރި ފިލްމު "ޖޮލީ އެލްއެލްބީ 3"އިންނެވެ. އަންނަ އަހަރު އަކްޝޭގެ ތިން ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ