ރަޝްމިކާ އާއި ވިޖޭގެ ކައިވެނި ކުރަން އުޅޭކަން ބަތަލާ ޔަގީންކޮށްދީފި
މިހާރު އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން އެންމެބޮޑަށް ލިބިފައިވާ ދެކުނު އިންޑިއާގެ ފިލްމީ ތަރިންކަމަށްވާ، ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދެވެރަކޮންދާގެ ކައިވެނި ކުރަން އުޅޭކަން އެންމެފަހުން ބަތަލާ ޔަގީންކޮށްދީފިއެވެ. މި ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ ވާހަކަ ދެކެވެންފެށީ ދެ މީހުން އެކީގައި 2018 ވަނަ އަހަރު މަސައްކަތްކުރި ފިލްމު "ގީތާ ގޯވިންދަމް" ރިލީޒް ކުރުމާއެކުއެވެ. ނަމަވެސް މިހާތަނަށް ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަަމަށް ދެ މީހުންވެސް އެއްބަސްވެފައިނުވާއިރު މިހާތަނަށް ދެ ތަރިންގެ ކައިވެންޏާ ގުޅިގެން މީޑިއާތަކުން އެކި ގޮތްގޮތަށް ސުވާލުކުރުމުން ވެސް އެކަމަށް ދެ ތަރިން އެއްބަސްވެފައެއް ނުވެއެވެ. ރަޝްމިކާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓު--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި ހަފްތާގެ ބުރާސްފަތި ދުވަހު ރަޝްމިކާ އާއި ވިޖޭގެ ކައިވެނި ކުރެވޭނެކަމަށް މީޑިއާތަކުން ވަރަށް ޔަގީންކަމާ އެކު ބުނަމުން އަންނަނިކޮށް އިއްޔެގެ ވަގުތެއްގައި ރަޝްމިކާ ވަނީ އަމިއްލަ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ޔަގީންކޮށްދީފައެވެ. ރަޝްމިކާގެ ރަސްމީ އިންސްޓަގްރާމްގެ ސްޓޯރީގައި ބަތަލާ ވަނީ ވިޖޭއާ އެކު ލޯބީގެ ގުޅުމެއް ފެށުމުގެ މާކުރިން ސަޕޯޓަރުން އެ ދެ ތަރިންނަށް "ވިރޯޝް"ގެ ނަމުގައި ނަމެއްދިން ކަމަށް ބުނެފައެވެ. ސަޕޯޓަރުންގެ ފަރާތުން ދެ ތަރިންގެ ގުޅުމަށް "ވިރޯޝް"ގެ ނަންދިނީ ވަރަށް ލޯތްބާއެކު ކަމަށާއި އެހެންވެ ވިޖޭ އާއި ރަޝްމިކާގެ ކައިވެނީގެ ރަސްމީ ނަމަކީ "ދަ ވެޑިންގް އޮފް ވިރޯޝް" ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ކައިވެންޏަށް އެ ނަން ދިނީ މިހާތަނަށް ރަޝްމިކާ އާއި ވިޖޭއާ އެކު ދެމިތިބި ސަޕޯޓަރުންގެ ޝަރަފުގައި ކަމަށް ވެސް ބަތަލާގެ ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ. ރަޝްމިކާ އާއި ވިޖޭ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުތެރޭ އެންގޭޖްވެފައެވެ. ދެ ތަރިން އެންގޭޖްވިކަން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް ވިޖޭގެ ޓީމުން ވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުންސްތާން ޓައިމްސްއަށް އެކަން ކަށަވަރުކޮށްދީފައެވެ. އިންޑިއާގެ އުދޭޕޫރުގައި ބާއްވާ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތުދެވިފައި ވަނީ ރަޝްމިކާ އާއި ވިޖޭގެ އާއިލާގެ މެމްބަރުންގެ އިތުރުން ވަރަށް ގާތް ރަހްމަތްތެރިންނަށެވެ. ކައިވެނީގެ ރަސްމިއްޔާތަށްފަހު ދެ ތަރިންގެ ފަރާތުން ދޭ ވަރަށް ހާއްސަ ކައިވެނީގެ ރިސެޕްޝަން ހަފްލާއެއް ހައިދަރުއާބަދާއި މުމްބާއީގައި އޮންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ