ކީރިތި ޤުރްއާނުގެ ސޫރަތުލް ކަހުފުގެ 32 ވަނަ އާޔަތުގައި ﷲ ދެ މީހެއްގެ މިސާލު ޖައްސަވަ އެވެ. މި މިސާލު ﷲ ބަޔާންކުރައްވަނީ ވާހަކައެއް ގޮތުގަ އެވެ. އިބުރަތުން ފުރިފައިވާ މި ވާހަކަ ނިމެނީ ސޫރަތުގެ 44 ވަނަ އާޔަތަށެވެ. އެހެންކަމުން މިއީ ދިގު ވާހަކައެކެވެ. މި ވާހަކައިގައި އުޅެނީ މުއްސަނދި ފިރިހެނަކާއި ފަގީރު ފިރިހެނެކެވެ.
މުއްސަނދި މީހާއަށް ﷲ، މޭބިސްކަދުރުގެ ދެ ދަނޑު މިންވަރު ކުރެއްވި އެވެ. އަދި އެ ދަނޑުތަކުގެ ވަށައިގެން އޭނާއަށް ކަދުރު ރުކުގެ ދަނޑުތައް ދެއްވި އެވެ. މީގެ އިތުރަށް މޭބިސްކަދުރު ދެ ދަނޑުގެ މެދުގައި ޒުވާރި ދަނޑުތަކެއް ލެއްވި އެވެ. ﷲގެ ރަހުމަތާއި މިންވަރުފުޅުން މި ދަނޑުތަކުން ވަރަށް ރަނގަޅަށް އޭގެ މޭވާ އާއި ފައިދާ ލިބެމުން އަ އެވެ. އަދި މި ދެ ދަނޑުގެ މެދުން ފެން ކޯރެއް ލެއްވި އެވެ. މީގެ އިތުރަށް ﷲ އޭނާއަށް އިތުރަށް ވެސް މުދާވެރިކަން ދެއްވި އެވެ. ނަތީޖާއަކަށް ވީ މި ދަނޑުބިންތަކުގެ ވެރިޔާ އިންތިހާއަށް މުއްސަނދިވުމެވެ.
އަދުގެ ވިޔަފާރީގެ ބަހުރުވައިން ނަމަ މުއްސަނދި މީހާގެ ވިޔަފާރިއަކީ އުފެއްދުންތެރިކަން ބޮޑު ނަފާވެރިކަން ބޮޑު ދަނޑުބިމެކެވެ. އެ ދަނޑުތަކުން ލިބެމުން އައީ އެންމެ މަތީ ކޮލިޓީގެ އުފެއްދުންތަކެވެ. ބާޒާރުގައި އެއީ އެންމެ މަތީ ފެންވަރުގެ ދަނޑުގޮވާމާއި މޭވާގެ ބާވަތްތަކެވެ. މުއްސަނދި ދަނޑުވެރިޔާގެ ވިޔަފާރިއަކީ މަގުބޫލު ބްރޭންޑެކެވެ. މި ހުރިހާ ކަމަކާ އެކު އޭނާ ކުފުރުވެ ބޮޑާވެގަތެވެ.
އަނެއްކޮޅުން ފަގީރު މީހާ އައީ ﷲއަށް ހަމްދުކޮށް ޝުކުރުކުރަމުންނެވެ. އޭނާ އަޅުކަންކުރީ އަދި މަދަދަށް އެދުނީ ހަމައެކަނި ﷲގެ ހަޒުރަތުންނެވެ. ހުރިހާ އެއްޗެއްގެ ހަގީގީ މިލްކުވެރި ފަރާތަކީ ގަދަ ކީރިތިވަންތަ ﷲ ކަން އޭނާއަށް އެނގެ އެވެ. މި ގޮތުގައި ކަންހިނގަމުން ދަނިކޮށް މިދެ މީހުން ބައްދަލުވެ ދެއްކި ވާހަކައެއްގައި ދެބަސްވުމެއް އުފެދުނެވެ. މިދެބަސްވުމުގައި މުއްސަނދި މީހާ އޭނާގެ މުއްސަނދިކަމަށް ބޮޑާވެ ކިބުރުވެރިވި އެވެ. މިއީ ދުނިޔޭގެ އަދުގެ ވެސް ހާލަތެވެ. މީހަކަށް ﷲ ތަނަވަސްކަން ދެއްވުމާ އެކު އޭނާއަށް އޭނާ އޮޅޭގޮތްވެ އެވެ. އޭނާއަށް ﷲ ދެއްވާ ގިނަގުނަ މުދަލަކީ އޭނާގެ މޮޅުކަމާއި ހުޝިޔާރުކަމުން ހޯދައިގަންނަ މުދާކަމަށް ގަބޫލުކުރެ އެވެ. އަދި ﷲ ދެއްކެވި މަގުން ދުރުވެ ފަސާދަކޮށް ދަހިވެތިކަމަށް އެނބުރެ އެވެ. މިއީ މުޖުތަމައުގައި އަބަދުމެ ތަކުރާރުވެ ފެންނަ މަންޒަރުތަކެވެ.
ދެން މުއްސަނދި މީހާ ދައުވާކުރި ގޮތުގައި މޮޅީ އޭނާ އެވެ. އެހެނީ މުއްސަނދިކަން ހުރީ އޭނާ އަތުގަ އެވެ. މީހުންނާއި މުދަލާއި ބާރުވެރިކަމާއި އިއްޒަތް އޮތީ އޭނާއަށެވެ. މިގޮތަށް ވާހަކަދައްކާފައި މުދާވެރިޔާ އޭނާގެ ދަނޑުބިމަށް ދިޔަ އެވެ. އެއަށް ފަހު ޝުކުރުވެރިނުވާ ހާލު ބުންޏެވެ. ދުވަހަކު ވެސް އަހަރެންގެ މި ދަނޑުބިންތަކެއް ހަލާކުވެގެން ނުދާނެ އެވެ. އަދި ބުންޏެވެ. ގިޔާމަތެއް ވެސް ނުވާނެ އެވެ. އަދި ގިޔާމަތްވެ ﷲގެ ހަޒުރަތަށް އޭނާ ގެންދެވުނަސް އަދި މާ ރަނގަޅު ގޮތް ހޯދާނަމެވެ.
މިހާ ހިސާބުން ފަގީރު މީހާ، މުއްސަނދި މީހާއާ ދިމާއަށް ނަސޭހަތާއި އިންޒާރުގެ ބަހުން ނުސީދާކޮށް ރައްދުދިނެވެ. އޭނާ ކޮން ކަމަކާތޯ ކާފިރުވެގަތީ ސުވާލުކުރި އެވެ. އޭނާ ނެތުމުގެ ތެރެއިން އުފައްދަވައި މުއްސަނދިކަން ދެއްވި ﷲއަށް ފުރަގަސްދިނީތޯ ސުވާލުކުރި އެވެ. އަދި ﷲ އަކީ އެއްކައުވަންތަ ކަލާނގެ ކަމާއި އެކަލާނގެއަށް ޝަރީކަކުނުވާކަމަށް އެންގި އެވެ. އިރާދަފުޅާ ނުލައި އެއްވެސް ވާހަކައެއް ބުނަން ހެޔޮނުވާނެކަމަށް ނަސޭހަތްތެރިވި އެވެ. ހުރިހާ ބާރެއް ވަނީ ކުޅަދުންވަންތަ ﷲއަށް ކަމަށާއި އެކަލާނގެ އިރާދަކުރައްވައިފި ނަމަ، މުދާވެރިޔާގެ މުއްސަނދިކަމަށް ވުރެ ބޮޑު ނިއުމަތެއް އޭނާއަށް ދެއްވުމަކީ ވެދާނެ ކަމެއް ކަމަށް ހަނދާންކޮށްދިނެވެ. އަދި ބޮޑާވެގަތުމުގެ ސަބަބުން ﷲގެ ކޯފާ އައިސް އޭނާގެ ދަނޑުބިންތައް ނެތިދިއުމަކީ ވެދާނެ ކަމެއްކަމުގެ އިންޒާރު ވެސް ކުރި އެވެ.
ދެން ފަގީރު މީހާ އޭނާ ހުރި ހިސާބާއި ހާލަތު ބަޔާންކޮށް ބުނިގޮތުގައި ﷲއަކީ އޭނާގެ ވެރި އިލާހެވެ. އަދި އޭނާ އޭނާގެ ވެރި ރަސްކަލާނގެއަށް ޝަރީކުނުކުރާ ކަމަށް ބުންޏެވެ. މުއްސަނދި މީހާ އޭނާގެ ބަގީޗާއަށް ވަންއިރު ﷲ އިރާދަކުރެއްވި ކަމެއް ވާނެއޭ ބުނި ނަމަ ކޮން ފަދަތޯ އޭނާ ގާތު ބުންޏެވެ. ﷲގެ ހަޒުރަތުން މެނުވީ އެއްވެސް ބާރެއްނުވާކަމަށް ވެސް އޭނާ ބުންޏެވެ. މިގޮތަށް ދިން ދިގު ނަސޭހަތް ނިންމަމުން ފަގީރު މީހާ، ކުރިމަތިވެދާނެ ތިން ހާލަތެއް އަނެކާއަށް ދެއްކި އެވެ.
ފުރަތަމަ ހާލަތަކީ މުއްސަނދި މީހާގެ ބަގީޗާއަށް ވުރެ ބޮޑުތަނުން ހެޔޮ ނިއުމަތް އޭނާއަށް ﷲ ދެއްވުމެވެ. މި ބަހުގެ މާނަޔަކީ މަހުޖަނަށް ވުރެ މާ ތަނަވަސް މާ މޮޅު ގޮތްތައް ﷲ އޭނާއަށް މެދުވެރިކުރައްވަން ކުޅަދުންވަންތަ ވާހަކަ އެވެ. ދެވަނަ ހާލަތަކީ ﷲ ފޮނުއްވާ ކޯފާއެއްގައި ދަނޑުބިން ހަލާކުވެ ނެތިގެން ހިނގައިދާނެ ހާލަތެވެ. މިއީ ހާޓް އެޓެކެއްގައި ކުއްލިއަކަށް މީހަކު މަރުވާ ފަދައިން ދަނޑުބިން ކުއްލިއަކަށް ނެތިހިނގައިދާނެ ހާލަތެކެވެ. ތިންވަނަ ހާލަތަކީ ދަނޑުބިމަށް ފެން ލިއްބައިދޭ ފެންކޯރުތައް ހިނދި މަޑުމަޑުން ނެތިދިއުމެވެ. މިއީ ކެންސަރުގައި މީހަކު ބަލިވުމަށް ފަހު މަޑުމަޑުން އެމީހާ ނެތިދާ ފަދައިން ދަނޑުބިން މަރުވެ ދިއުމެވެ.
ކަން ހިނގީ ވެސް އެގޮތަށެވެ. އިސާހިތަކު މުދާވެރިޔާގެ ދަނޑުބިންތައް ﷲ ހަލާކުކުރައްވައިފި އެވެ. ދަނޑުބިން ހަލާކުވުމުން އަލުން އެ ދަނޑުބިން އާލާކުރުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު 42 އާޔަތުގައި ﷲ ބަޔާންކުރައްވަނީ އޭގައިވާ މޭވާތައް ވެސް ނެތިކުރެއްވި ވާހަކަ އެވެ. މާނަޔަކީ ދަނޑުގޮވާންކުރުމަށް އޭނާ ބޭނުންކުރާ އެންމެހައި ވަސީލަތްތައް ވެސް ނެތިކުރެއްވި ވާހަކަ އެވެ. މި ހިސާބުން އިތުރަށް މިކަމުގައި ކުރިއަށް ދެވޭނެ ހުރިހާ މަގެއް ﷲ ބަންދުކުރެއްވިކަން ކަށަވަރުވެ އެވެ.
ދަނޑުބިންތައް ހަލާކުކުރެއްވުމުން އޭނާ ބުންޏެވެ. ﷲއަށް ޝަރީކުނުކުރެވުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އޭރު ވަގުތު ފާއިތުވެއްޖެ އެވެ. ﷲ ފިޔަވައި ނަސްރު ދޭނެ ބަޔަކު ނެތްކަން އޭނާއަށް ވިސްނި ކަށަވަރުވި އެވެ.
މިހާރުވެސް ކަން ހިނގަނީ މިފަދައިންނެވެ. މީހެއްގެ އަތުގައި ތަނަވަސްކަން އޮންނައިރު އޭނާގެ ވަށައިގެން މީހުން ތިބެ އެވެ. ސަރުކާރުގެ ބޮޑުން ވެސް ތިބޭނީ އެމީހާގެ ފައިކޭޓުގަ އެވެ. އެކަމަކު އޭނާގެ ތަނަވަސްކަން ނިމިދިއުމާ އެކު އެންމެން އޭނާ ދޫކޮށްލަ އެވެ. އޭނާއަށް އެހީތެރިވާނެ ނުވަތަ ކަމެއް ކޮށްދޭނެ މީހަކު ނުވެ އެވެ. މި މިސާލުން ﷲ ދައްކަވަނީ އެ ހާލަތެވެ.
ސޫރަތުގެ 44 ވަނަ އާޔަތުން ވާހަކަ ނިންމަވަމުން ﷲ އަންގަވަނީ ގިޔާމަތް ދުވަހު ﷲ ފިޔަވައި އެހެން ފަރާތެއްގެ ހިމާޔަތެއް ވެސް އަދި އެހީތެރިކަމެއް ވެސް އެއްވެސް މީހަކަށް ނުލިބޭނެ ވާހަކަ އެވެ. އެ ދުވަހު ހަމަ ކޮންމެ މީހެއްގެ ވެސް ވަލާޔާ ނުވަތަ ވިލާޔާއަކަށް ވާނީ ﷲ ކަމުގަ އެވެ.
މި މިސާލުން ލިބިދޭ ފިލާވަޅުތަކަށް ނަޒަރު ހިންގަމާ ހިނގާށެވެ. ފައިސާ އާއި މުދަލުގެ ހަގީގީ މިލްކުވެރިޔަކީ ރަޙުމާންވަންތަ ﷲ އެވެ. އެކަލާނގެ ރަހުމަތުން އެތަކެތި މީހުންނަށް ލިބެނީ އަމާނާތެއްގެ ގޮތުގަ އެވެ. އެހެންވެ ފައިސާވެރިކަމާއި މުދާވެރިކަމަކީ މި ދުނިޔޭގައި ކުރެވޭ ވަރަށްބޮޑު އިމްތިހާނެކެވެ. ތިމާއަށް އެފަދަ ތަނަވަސްކަމެއް ލިބުމުން ހަދަންޖެހޭގޮތަކީ ﷲ އަށް އީމާންވެ އެކަލާނގެއަށް ބިރުވެތިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އެތަނަވަސްކަމުން ހޭދަކުރުމެވެ. އަދި ތަނަވަސްކަމާ އެކު ވެސް ތިމާގެ ހިތް ތިރިކުރުމެވެ. އެއަށް ފަހު ވަގުތުގެ އަޖަލުގައި ޖެހި ނެތިފަނާވެގެންނުދާ ހެޔޮ އަމަލުގައި ގާއިމްވުމެވެ.
މި މިސާލުން ލިބޭ އަނެއް ފިލާވަޅަކީ ހަޔާތުގައި މާއްދީ ތަނަވަސްކަމަކީ ރަހުމަތަކަށް ނުވެދާނެކަމެވެ. ހަމައެފަދައިން މާއްދީ ތަނަވަސްކަން ނެތުން ރަހުމަތަކަށް ވެދާނެކަމެވެ. ތަނަވަސްކަން ހުންނައިރު ހައްގު ގޮތުގައި އޭގެ ބޭނުންކުރަން ޖެހޭނެކަމެވެ. ތަނަވަސްކަންނުވާ ހާލަތުގައި ތިމާއަށްޓަކައި ފަހަށް ހުރި ފައިދާތަކެއް ބޮޑުވެދާނެކަމެވެ. ފެންނަން ހުރި ކަންކަމަށް ވުރެ ފެންނަން ނެތް ކަންކަން (ގައިބުގައިވާ) ބޮޑުވެފައި މުހިންމުކަމެވެ.
ހުލާސާއަކީ ކޮންމެ ކަމެއްގައި ހަމައެކަނި ﷲ އަކީ ތިމާގެ މައުލާކަމަށް ބަލައި ﷲއަށް ވަކީލުކުރަން ޖެހޭ ކަމެވެ.
ޤުރުއާނާއި މިސާލު: މުއްސަނދި މީހާ އާއި ފަގީރު މީހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ