މުއިއްޒުގެ ސެކިއުރިޓީން ނޫސްވެރިންނަށް ހުރަސް އަޅައިފި މުއިއްޒުގެ ސެކިއުރިޓީން ނޫސްވެރިންނަށް ހުރަސް އަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް މައްޗަންގޯޅި މެދު ދާއިރާގައި ދޮރުންދޮރަށް ހިނގުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް ސުވާލުކުރަން މަސައްކަތް ކުރި ނޫސްވެރިންނަށް ސެކިއުރިޓީން ހުރަސް އަޅައިފި އެވެ.
މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު، މޫސާ އަލީ ޖަލީލު އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މާލޭގެ ރައީސާ ކަމަށް ޕީއެންސީން ވާދަކުރާ، އައިޝަތު އަލައިކާ އަދުނާން އާއެކު ރައީސުލްޖުމްހޫރިއްޔާ މައްޗަންގޯޅިއަށް ވަޑައިގަތީ މިއަދު މެންދުރުފަހު 1:15 ގަ އެވެ.
މުއިއްޒު އެ ސަރަހައްދަށް ވަޑައިގަތުމުން، އެމަނިކުފާނާ ސުވާލެއް ކުރުމަށް އަދަދުގެ ނޫސްވެރިން ފުރަތަމަ މަސައްކަތް ކުރީ އާންމުންނާ އެއް ސަފެއްގައި ތިބެގެންނެވެ.
އެހެންނަމަވެސް، އެތަނުގައި ނުތިބެވޭނެ ކަމަށް ސެކިއުރިޓީން އެންގުމުން މީޑިއާތަކަށް ހާއްސަ ކޮށްފައި އޮތް ޖާގައަށް ގޮސް ސުވާލު ކުރަން މަސައްކަތް ކުރުމުން ވެސް ސެކިއުރިޓީން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ.
މަޖީދީ މަގުން ގޮސް ޗާންދަނީ މަގުގައި ހުރި ގެއަކަށް ވަދެވަޑައިގެން އެމަނިކުފާނު ނުކުންނެވި ވަގުތު ވެސް ސުވާލު ކުރަން އެދުމުން ސެކިއުރިޓީން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. މުއިއްޒުގެ ސެކިއުރިޓީން ވަނީ، އެހެން ނޫސްވެރިންނާ އެއް ހަމައެއްގައި އަދަދުގެ ނޫސްވެރިން ބޭތިއްބުމަށް ވެސް ހުރަސް އަޅައިފަ އެވެ.
މުއިއްޒު ދޮރުންދޮރަށް ހިންގެވި ތަނަށް ގޮސް އަދަދުގެ ނޫސްވެރިން ސުވާލު ކުރަން މަސައްކަތް ކުރީ، އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަވާތާ 295 ދުވަސް ފާއިތުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ