ފުރަތަމަ ދިވެހި ވެދާ ފޯކާސްޓަރު: ގެއަށް ވަޑައިގަތަސް މޫސުމާ ދުރެއް ނުވެވޭ!

އޭނާއަށް އުމުރުން އޭރު އެންމެ އަށާރަ ވަރަކަށް އަހަރެވެ. އެއީ، 1978ގެ ފަހުކޮޅެވެ. އޭނާ ބޭނުންވީ ވަޒީފާއަކަށް ވަންނާށެވެ. އެކަމަށް އެތައް ގޮތަކުން ބެލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ، އެއާޕޯޓު މެޓު އޮފީހެވެ. އެ ތަނުން ވަޒީފާއާ ގުޅޭ ހިތްވިއެވެ. އެއީ، ހަޔާތުގައި ކުރިމަތިވާ 'މޫސުންތައް' ފެނި، ގުދުރަތީ މޫސުން ދިރާސާކުރަން ބޭނުންވީތީއެވެ. މިއީ މީގެ 47 އަހަރު ކުރިން ތަމްރީނުވި ދިވެހި ފުރަތަމަ މޫސުމީ ފޯކާސްޓަރު އަލީ ޝަރީފުގެ ވާހަކައެވެ. މޫސުމަށް އޭނާ ކޮށްދިން މިންނަތް ޚިދުމަތްތަކުގެ ދިގު ދަތުރުގެ ވާހަކައެވެ. ދިވެހި ފުރަތަމަ ފޯކާސްޓަރު އަލީ ޝަރީފް: 47 އަހަރު މޫސުމަށް ޚިދުމަތް ކުރެއްވި ---- މޫސުމަކީ، އޭނާގެ ހިތުގެ ވިންދެވެ. އެ ދާއިރާއަށް ޝަރީފް ކޮށްދެއްވި ޚިދުމަތްތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. މެޓު އޮފީސް އުފެދުނީ ވެސް ދާއިރާގައި އުޅެނިކޮށެވެ. ކޮންމެ ކަމަކަށް ނިމުމެއް އަންނާނެ ގޮތަށް މިއަދު އެ ހިތުގެ ވިންދާ ޝަރީފް ދުރަށް ޖެހިވަޑައިގަންނަވަން ޖެހިއްޖެއެވެ. އެއީ، އުމުރުފުޅުން 65 އަހަރު ވުމުންނެވެ. https://www.sun.mv/217198 މެޓު އޮފީހުގައި އެންމެ ފަހުން ހުންނެވި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ކަމުން ރިޓަޔާކުރެއްވީ، މިދިޔަ މަހު 27ގައެވެ. ގެއަށް ވަޑައިގެންނެވީ، މޫސުމީ އެތައް ތަޖުރިބާއެއް ކުރައްވާފައެވެ. މޫސުމަށް ހުންނަ ޝައުގުވެރިކަމުން، ފަހުން އިތުރަށް ބޮޑުވި މޫސުމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ފުރާވަރުގައި މެޓުގެ ވަޒީފާއަށް ކުރިމަތިލިއެވެ. އެ ވަޒީފާގެ ތެރެއިން ފުރަތަމަ ތިން މަހު ރާއްޖޭގައި ތަމްރީނެއް ފުރިހަމަކުރިއެވެ. އެއަށް ފަހު، ޝަރީފަށް މޫސުން ދިރާސާކުރާ އޮބްޒާވަރެއްގެ ދާއީމީ ވަޒީފާ ހަމަޖެހިއްޖެއެވެ. އެ ދުވަސްވަރުގައި ނަމަ، ދާއިމީ ވަޒީފާއެއް ހަމަޖެހެނީ ވަރަށް ދުވަހުންނެވެ. އެއީ، 1979ގެ ކުރީކޮޅެވެ. އެއާ ޚިލާފަށް ތަމްރީނަށް ފަހު، ވަރަށް އަވަހަށް އޭނާއަށް ވަޒީފާ ލިބިވަޑައިގެންނެވިއެވެ. އެއީ، މޫސުމަށް އޮތް ލޯބި އިތުރުވެ، ވަޒީފާއަށް ހިތް ޖެހެން އިތުރުވި ބޮޅަކަށް ވިއެވެ. ޝަރީފަށް ވަޒީފާ ލިބިވަޑައިގެންނެވި މޫސުން ދިރާސާކުރާނެ ޚާއްސަ އިދާރާއެއް ވެސް ނުހުރެއެވެ. އޭރު އެ މަސައްކަތް ކުރަނީ، އެއާޕޯޓުގައެވެ. ބޮޑަށް އޮންނަނީ، އެއާޕޯޓަށް އަންނަ މަތިންދާބޯޓުތަކަށް ޚިދުމަތް ކުރުމެވެ. މިހާރުގެ މެޓު އޮފީސް ނުވަތަ މޫސުމާ ބެހޭ ގައުމީ އިދާރާ އުފެދުނީ ވެސް ޝަރީފް މި ދާއިރާގައި އުޅުއްވަނިކޮށެވެ. ޝަރީފް މޫސުމީ މަސައްކަތުގައި --- މޫސުން ދިރާސާކުރުމަކީ އޭރު ރާއްޖެއަށް އާ ކަމެކެވެ. އެހެނަސް، މި ދާއިރާއިން ކުރިއަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭރު ވެސް ޝަރީފް ގަބޫލުކުރައްވައެވެ. ދާއިމީ ވަޒީފާގައި އުޅޭތާ ގިނަ ދުވަސްތަކެއް ނުވެ، އެ ހުވަފެނުގައި ކުލަ ޖެހެން ފަށައިފިއެވެ. ނަވާރަ ސަތޭކަ އަށްޑިހަ ތިން ވަނަ އަހަރު އިލަމެންޓްރީ މީޓިއަރޮލޮޖީ ހަދަން އިންޑިއާއަށް ދިޔުމުގެ ފުރުސަތު ލިބުނެވެ. އެއީ، ޝަރީފް ހެއްދެވި، ފުރަތަމަ ތަމްރީނެވެ. ހަ ވަރަކަށް މަހުގެ އެ ކޯސް ނިންމައި މާލެ އައިތާ ގިނަ ދުވަހެއް ނުވިއެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހައެއްގައި ސަރުކާރުން ގެނައި ސެޓެލައިޓް ރިސީވަރެއް ލިބިވަޑައިގަތެވެ. އެއީ، ވިލާތައް ބަލައި ހަދާ ސިސްޓަމެއް ކަމަށްވާއިރު، ތަމްރީނަށް އެމެރިކާއަށް ދާން މަގުފަހިވިއެވެ. އެ ތަމްރީނުގެ ދެ އަހަރެއް ފަހުން، ފޯކާސްޓިން ކޯސް ޝަރީފް ހެއްދެވީ، ހޮންކޮންގުންނެވެ. އެ ދިގު ކިޔެވުންތައް ނިމޭ ވަރުވީ، 2003ގައެވެ. އޭގެފަހުން، އޭނާ ވަޑައިގަންނަވަނީ، ކުރު ޓްރެއިނިންތަކާއި ވޯކްޝޮޕްތަކަށެވެ. އެ ކިޔެވުންތަކަށް ފަހުގައި، ރާއްޖޭގެ މޫސުން ބަލާ ދިސާކުރައްވަން ފެއްޓެވިއެވެ. އޭރު އުޅުއްވީ ހަމައެކަނި މޫސުން ބެލުމުގެ ކަންކަމެވެ. ވައި ޖެހޭ ވަރާއި ފިނި ހޫނުމިނެވެ. މިހެން ގޮސް އެތައް ކަމެކެވެ. އެއީ ރާއްޖޭން ތަމްރީނުވި ފުރަަތަމަ ފޯކާސްޓަރެވެ. މޫސުމަށް ޝައުގު ހުންނަ ވާހަކަ ވިދާޅުވުމުން، މަސައްކަތުގައި އެންމެ ގަޔާވެގެން ކުރައްވާ ކަމެއް ނާހައެއް އަޅުގަނޑަކަށް ނުހުރެވުނެވެ. ޝަރީފް ކިޔައިދެއްވި ގޮތުގައި، އެންމެ ބޮޑަށް ޝައުގުވެރިވީ އެކި ދުވަހަށް ވިލާތަކަށް އަންނަ ބަދަލުތަކެވެ. އެ ލޯބި ވެސް މަސައްކަތަށް ވަދެވޭ މިންވަރަކަށް އައީ، ބަދަލުވަމުންނެވެ. ނުވަތަ ބިންވަޅު ނެގެމުންނެވެ. "މޫސުން ކުރިއަށް ލަފާކުރަން ފެށި ފަހުން، އެންމެ ބޮޑު ޝައުގުވެރިކަމެއް ދެވުނީ ވިއްސާރައާއި ވައިގަދަވުމާ މި ކަހަލަ ކަންތައްތައް ބަލައި، ސައްހަ ކަމާ އެކީ ގެނެސްދޭން" މިހެން ގޮސް، މޫސުން ކުރިއަށް ލަފާކުރަމުން 2007ގައި މެޓުގެ މެނޭޖުމަންޓާ ގުޅުނެވެ. އެކަމުގައި ވެސް އެތައް ޚިދުމަތެއް އޭނާ ކޮށްދެއްވިއެވެ. ޝަރީފް މީޑިއާއަކަށް މޫސުމީ މައުލޫމާތު ހިއްސާކުރައްވަނީ --- ހުރިހާ ތަޖުރިބާތަކުން ބޮޑު ވިއްސާރަ ހިތުގައި ބިންވަޅު ނެގިފައި މިހާ ދިގު ތާރީޚީ ދަތުރުގައި އޭނާއަށް އެތައް ކަމެއް ތަޖުރިބާކުރެވިއްޖެއެވެ. މޫސުމީ ގިނަ ކުލަވަރުތައް ފެނި، ހިތު ދަހެވެ. އެ ކަންތައްތަކުގެ ތެރެއިން ވެސް އެންމެ ހަނދާނުން ފޮހެލަން ދަތިވީ، 1991ގައި ކުރިމަތިވި "ބޮޑު ވިއްސާރަ"އެވެ. އެއީ، އައްޑު ސިޓީއާ ދިމާއަށް އައި ވިލާގަނޑެއް ނުވަތަ ތޫފާނެކެވެ. އެގާރަ ދުވަހަށް ދެމިގެން ދިޔަ ވިއްސާރަގައި މުޅި ރާޢްޖެއަށް އަސަރުކޮށް، އެތައް ގެއްލުމެއްވިއެވެ. "މިތާ އޭރު ތިބެނީ ދެ ފޯކާސްޓަރުން. ސައުވީސް ގަޑިއިރު ވަންދެން އެގާރަ ދުވަހު އޮފީހުގައި މަޑުކޮށްގެން އަޅުގަނޑުމެން އުޅެން ޖެހުނީ. އެ ހާދިސާ ދުރާލާ އަޅުގަނޑުމެނަށް ބެލުނުވެސް މެ. ސައުވީސް ގަޑިއިރު ވެފައި ހުއްޓާ އަޅުގަނޑުމެން ކަމާ ބެހޭ ފަރާތްތަކަށް ރޭޑިއޯ މެދުވެރިކޮށް ދީފިން" ވިއްސާރައިގެ ހަނދާންތައް އާކުރައްވައި، އޭނާ ކިޔައިދެއްވިއެވެ. ޝަރީފް [ކ] ބޭރު ގައުމުތަކުން ބައިވެރިވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ --- މޫސުމީ ހުރިހާ ބަދަލެއް ހެން ފެނިފައި ކޮންމެ ދާއިރާއެއް ވެސް ފަށާނީ، އެންމެ ފުލުންނެވެ. ޝަރީފް މޫސުމުގެ މަސައްކަތް ކުރެއްވިއިރު، މިހާރު އެ ކަން ކުރާ ގޮތާ ވަރަށް ތަފާތެވެ. މޫސުމުގެ ދިރާސާތައް ހަދައެވެ. މިހާރާ ޚިލާފަށް އޭރު ގުޅުން އޮންނަނީ ހަމައެކަނި ލަންކާއަށެވެ. އެ ގައުމަށް ދިރާސާތައް ފޮނުވަނީ ވެސް ރޭޑިއޯ ޓެލެފޯނަކުން ކަމަށް އޭނާ ވިދާޅުވިއެވެ. ރޭގަނޑު އެ ޓެލެފޯނުން ސިގުނަލް ހުންނަ ގޮތުން ފޮނުވަން ވަރަށް ދަތިވެއެވެ. ރާއްޖޭގައި ބޭނުންކުރަމުން އައީ ވެސް ސްރީލަންކާއިން ހަދާފައި ފޮނުވާ މޫސުމީ ދިރާސާތަކެވެ. އަދި 1983ގައި ރާއްޖެއަށް ބޭރުގެ ފޯކާސްޓަރެއް އައެވެ. އެހާ ހިސާބުން ރާއްޖޭގައި މޫސުމީ ޚިދުމަތްތައް ފަށައިފިއެވެ. ވިލާތަކާއި އެއްޗެހި ހުންނަ ގޮތާއި މައުލޫމާތުތައް ލިބެން ފަށައިފިއެވެ. މީގެކުރިން މޫސުމީ ކުރެހުންތައް ކުރަހަމުން އައީ، ޓެލެކްސްއިން ބަލައިގެން އަތުންނެވެ. އެ ކަމަށް ވެސް އެތައް ވަގުތެއް ހޭދަވެއެވެ. ދުވަސްކޮޅަކުން ކޮމްޕިއުޓަރު ލިބި، އެޕްލިކޭޝަނެއް އަޅައިފިއެވެ. އެއަށް މޫސުމީ މައުލޫމާތުތައް އެއްކޮށް، ޗާޓުތައް ކުރަަހަމުން ދިޔައެވެ. މިހެން ގޮސް، އަހަރަކުން އަހަރެއް އައީ ކުރިއަރަމުންނެވެ. މިހާރު މެޓު އޮފީހަކީ، މި ސަރަހައްދުގެ އެންމެ ރަނގަޅު އޮފީސްތަކުން އެއް ތަނެވެ. ކުރިން ދެ ފޯކާސްޓަރުން ތިބި މެޓު އޮފީހުގައި މިހާރު ދިހަ ފޯކާސްޓަރުން އިތުރުވެއްޖެއެވެ. ރާއްޖޭގެ ފަސް ސަރަހައްދުން މޫސުން ބެލޭއިރު، ކޮންމެ އަތޮޅެއްގައި ހެން އޮޓޮމެޓިކުން މޫސުން ބެލޭނެ އިންތިޒާމު އެބަހުއްޓެވެ. މެޓް އޮފީހުގައި އޭނާ ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ސަރަހައްދާއި ބައިނަލްއަގުވާމީ މޫސުމާ ބެހޭ އިދާރާތަކާ އެކު ގާތް ގުޅުމެއް ބާއްވަން މަސައްކަތްކޮށްދެއްވިއެވެ. އެ ކަމުގެ ސަބަބުން މެޓް އޮފީހަށް ގިނަ ކުރިއެރުންތައް ހޯދުނު ވެސް މެއެވެ. އެކި ޚިދުމަތްތަކެއް ކޮށްދެއްވައިފިއެވެ. ކޮންމެ ކަމަކަށް ނިމުމެއް އަންނަ ހެން އެނބުރި ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ނަމަވެސް، ޚިދުމަތް ކުރަން ފެށިއިރަށް ވުރެ ދާއިރާ ތަރައްގީވެ، ކުރިއަރާފައި އޮތުމުން އޭނާ ރިޓަޔާކުރެއްވީ، ހިތްހަމަޖެހިފައި ހުރެވަޑައިގެންނެވެ. އެ މަސައްކަތުގެ އެވޯޑާވެސް އެކީގައެވެ. އެގޮތުން 2024 ވަނަ އަހަރު ވަނީ ގައުމީ ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ. ގެއަށް ވަޑައިގަތް ނަމަވެސް، ވިލާތަކާއި މޫސުމަށް ޝަރީފްގެ ހިތުގައި އޮތް ލޯތްބަށް ފަޑުވުމެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ