ޓީ20 ވޯލްޑް ކަޕް: ދެކުނު އެފްރިކާ އިން އިންޑިއާ ބަލިކޮށްފި ޓީ20 ވޯލްޑް ކަޕް: ދެކުނު އެފްރިކާ އިން އިންޑިއާ ބަލިކޮށްފި

އަހުމަދުއާބާދު، އިންޑިއާ (ފެބްރުއަރީ 23) - މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕް މުބާރާތުގެ ސުޕަ 8 ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން ކުޅުނު މެޗުގައި 76 ލަނޑުން ދެކުނު އެފްރިކާ އަތުން ބަލިވެއްޖެ އެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަަމަށްވާ އިންޑިއާ އިން ޓީ20 ކްރިކެޓްގައި ދެ ވަނަ އަށް އެންމެ ތަފާތު ބޮޑު ބައްޔާ ކުރިމަތިލިއިރު، އަނެއް ހޯސްޓް ކަމަށްވާ ސްރީ ލަންކާ ވަނީ 51 ލަނޑުން އިންގްލެންޑް އަތުން ބަލިވެފަ އެވެ.
ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެކުނު އެފްރިކާ އަށް ޓޮސް ދިމާވެގެން އެ ޓީމުން ނިންމީ ކުޅެން އެރުމަށެވެ. އެ ގޮތުން، އެ ޓީމުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވިއިރު، 187 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ބޯޅައިން 63 ލަނޑު ހެދި ޑޭވިޑް މިލާ އެވެ. ޓްރިސްޓަން ސްޓަބްސް ނުބައިނުވެ، 24 ބޯޅައިން 44 ލަނޑު ހެދިއިރު، ޑެވާލްޑް ބްރެވިސް ނުބައިވީ 29 ބޯޅައިން 45 ލަނޑު ހަދާފައި ވަނިކޮށެވެ. މި އިނިންސްގައި އިންޑިއާގެ ޖަސްޕްރީތު ބުމްރާ ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، އިންޑިއާ އަށް 18.5 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 37 ބޯޅައިން 42 ލަނޑު ހެދި ޝިވަމް ދޫބޭ އެވެ. މި އިނިންސްގައި، ދެކުުނު އެފްރިކާގެ މާކޯ ޖެންސަން ވަނީ 3.5 އޯވަރަށް ހަތަރު ވިކެޓް ނަގައިފަ އެވެ.
އިންޑިއާ އާއި ދެކުނު އެފްރިކާގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ، ޒިމްބާބްވޭ އާއި ވެސްޓް އިންޑީސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ