ކައުންސިލް އިންތިޚާބު: ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް މިހާތަނަށް 315 ޝަކުވާ

އަންނަ އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މިހާތަނަށް 315 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ، މިއަދު އިރުއޮއްސި 06:00ގެ ނިޔަލަށް 315 ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި މި ޝަކުވާތަކަކީ، ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތަކެވެ. ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅަން އޮތް އެންމެ ފަހު ފުރުސަތަކީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލެވެ. އީސީން ބުނީ ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ބުންޏެވެ. ރަޖިސްޓަރީގައިވާ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، VR (space) ID number to 1414 އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެއެވެ. އަދި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް، ޝަކުވާ ހުށަހެޅޭނެއެވެ. އިންތިޚާބާގުޅޭ އެއްވެސް މަޢުލޫމާތެއް ހޯދުމަށް ބޭނުންވާނަމަ، މި ކޮމިޝަނުގެ ކޯލް ސެންޓަރު 1414 އަށް ގުޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 08:00 އަށް ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ