މޯދީގެ ސަރުކާރަށް އޮތް ތާއީދު ވަޒަންކުރެވޭނެ މުހިންމު އިންތިޚާބެއް ފަށައިފި
އިންޑިއާގެ އައްސާމް، ކެރެލާ އަދި ޕުޑުޗެރީގެ ސްޓޭޓް އެސެމްބްލީ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އޭނާގެ ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް އޮތް ތާއީދު ވަޒަންކުރުމަށް މުހިންމު އިންތިޚާބެއްގެ ގޮތުގައި ބެލެވޭ އިންތިޚާބެކެވެ. މި އިންތިޚާބުގައި ބީޖޭޕީއާއި އެ ޕާޓީއާ ގުޅިފައިވާ ސަރަޙައްދީ ޕާޓީތަކާ ދެކޮޅަށް އިދިކޮޅު ގިނަ ޕާޓީތަކަކުން ވާދަކުރެއެވެ. އައްސާމްގެ 126 ގޮނޑިއަށާއި ޕުޑުޗެރީގެ 30 ގޮނޑިއަށް ވޯޓުލާއިރު، މި ދެ ސަރަޙައްދުގައި މިހާރު ވެރިކަން ކުރަނީ ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިންނެވެ. ނަމަވެސް ކެރެލާގެ 140 ގޮނޑިއަށް ވޯޓުލާއިރު، އެ ސްޓޭޓްގައި ވެރިކަން ކުރަނީ އިދިކޮޅު ކޯލިޝަނުންނެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރާ މޯދީ:-- މި އިންތިޚާބުތައް ކުރިއަށްދަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، ކައްކާ ގޭސް ލިބުމުގައި ދަތިތަކަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި އިންތިޚާބުގެ ނަތީޖާއިން، އިދިކޮޅު ފަރާތްތަކުގެ ބާރުގަދަ ސަރަޙައްދުތަކަށް ބީޖޭޕީގެ ނުފޫޒު ފޯރުވޭނެ މިންވަރު ހާމަވެގެންދާނެއެވެ. އަދި މިއީ މުޅި ޤައުމުގައި ބީޖޭޕީގެ ބާރު ކަނޑުވާލުމަށް އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މަސައްކަތަށްވެސް އޮތް މުހިންމު އިމްތިޙާނެކެވެ. އައްސާމްގައި ބީޖޭޕީން މަސައްކަތްކުރަނީ ބަންގްލަދޭޝްއާ ގުޅިފައިވާ ބޯޑަރު ހުރަސްކޮށް ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންގެ މައްސަލައަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަޢުދުވެ، ވެރިކަން ދެމެހެއްޓުމަށެވެ. ކެރެލާގައި ބީޖޭޕީއަށް އަދި މިހާތަނަށް މާބޮޑު ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، އެ ސްޓޭޓްގައި ޕާޓީގެ ނުފޫޒު ގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ތިން ސްޓޭޓްގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ވެރިކަންކުރާ ވެސްޓް ބެންގޯލް އަދި ޓަމިލް ނާޑޫގެ ވޯޓުލުން މި މަހުގެ ފަހުކޮޅު އޮންނާނެއެވެ. މި ފަސް ސަރަޙައްދުގެ އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ