ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ވަރުގަދަކޮށްދޭ ފާލަމަކީ ރާއްޖޭގައި ތިބި ބަންގްލަދޭޝް ރައްޔިތުން: ސަފީރު

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ބަދަހި ގުޅުން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށް، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް ރޭ ވިދާޅުވެއްޖެއެވެ. ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ބުރަ މަސައްކަތާއި، ރާއްޖޭގެ އިޤްތިޞާދަށް އެ ފަރާތްތަކުން ދޭ އެއްބާރުލުމަކީ އަގުވަޒަންކުރާ ކަމެއް ކަމަށެވެ. އަދި އެ ރައްޔިތުންގެ ކަރާމާތް ރައްކާތެރިކޮށްދީ، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހައިކޮމިޝަނުން ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެރުވިއެވެ. ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ސަފީރުވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ދާދިފަހުން ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅަށް ޝުކުރު އަދާކުރައްވައިފައެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ އާ ބޮޑުވަޒީރު ތާރިގް ރަހްމާނާއެކު އޮތް ބައްދަލުވުމަކީ ބަންގްލަދޭޝްގެ އައު ސަރުކާރުން ބޭރު ގައުމެއްގެ ސަރުކާރަކާ އެކު ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ ބައްދަލުވުންކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި މި ކަމުން ވެސް ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ހާމަވާކަމަށް ވިދާޅުވިއެވެ. ސަފީރުވަނީ ވިޔަފާރި، ތަޢުލީމު އަދި ޞިއްޙީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ސަފީރުގެ ވާހަކަފުޅުގައި ބަންގްލަދޭޝްގެ މިނިވަންކަމުގެ ތާރީޚުގެ މައްޗަށް ބައްލަވައިލައްވަމުން، 1971 ވަނަ އަހަރު މިނިވަންކަން އިޢުލާންކުރެއްވި ރައީސް ޒިޔާއުއްރަޙްމާނާއި، އެ ގައުމަށް ޓަކައި ގުރުބާންވި އެތައް ހާސް ޝަހީދުންގެ ހަނދާން އާކުރެއްވިއެވެ. ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމަށް އޮތް ހަފްލާގައި ސަފީރު ވާހަކަދައްކަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ އަދި ބަންގްލަދޭޝަށް މިހާރު އައިސްފައިވާ ސިޔާސީ ބަދަލުތަކަށް އިޝާރާތްކުރައްވައި، ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ އިރުޝާދުގެ ދަށުން އައު ސަރުކާރުން "ބަންގްލަދޭޝް ފަސްޓް" ސިޔާސަތުގެ ދަށުން ޑިމޮކްރެޓިކް ނިޒާމު ވަރުގަދަކުރަން މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ބަންގްލަދޭޝްގެ ދައުރު ފުޅާވަމުންދާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި އެ ޤައުމުން އަދާކުރާ ދައުރަށް ދުނިޔެ ތައުރީފްކުރާ ކަމަށެވެ. އަދި އދ.ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ސެޝަނުގެ ރިޔާސަތަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ކުރިމަތިލައްވާފައިވާކަން ވެސް ސަފީރު ހާމަކުރެއްވިއެވެ. ރޭ އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މީގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި ބޭރުގެ ސަފީރުން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ