ފަހަރެއްގައި މީހަކު 'ޓެޓޫ'އޭ ބުނުމުން އެންމެ ފުރަތަމަ ވިސްނޭނީ ކައްޓަކުން ހަންގަނޑުގައި ޖަހާ ދާއިމީ ކުރެހުންތަކެކެވެ. އެކަމަކު ޓެޓޫއެއް ހަލާލު ގޮތަކަށް އަދި ފަސޭހައިން ފޮހެލެވޭ ގޮތަށް މިހާރު ޖަހާލެވެ އެވެ.
ދިވެހި ބްރޭންޑު 'ޓެޓޯލް' އިން އުފައްދާ ނަލަ އެކި ވައްތަރުގެ ވަގުތީ ޓެޓޫ ސްޓިކާތަކަކީ ޗުއްޓީއެއް ހޭދަކޮށްލަން ނުވަތަ އުފާވެރި މުނާސަބަތެއް ފާހަގަ ކޮށްލަން ބޭނުންކުރެވޭނެ ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ.
މިދިޔަ އަހަރު ތައާރަފްކުރި ދިވެހި ބްރޭންޑު 'ޓެޓޯލް' އަންނަނީ އާންމުންގެ ތެރޭގައި މަގުބޫލު ވަމުންނެވެ. ސަބަބު ވަރަށް ސާފެވެ. މިއީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ނަލަކަން ތަމްސީލު ކުރާ ޑިޒައިންތަކެއް އެކުލެވޭ ރާއްޖޭގެ ފުރަތަމަ ޓެމްޕޮރަރީ ޓެޓޫ ސްޓިކާ ބްރޭންޑެވެ.
'ޓެޓޯލް' މި ނަން ވެސް ބްރޭންޑާ އެއްގޮތަށް ތަފާތެވެ. އިނގިރޭސި ބަހުގެ 'އެޓޯލް' އަކީ ދިވެހި ލަފުޒު 'އަތޮޅު'އިން އައިސްފައިވާ ލަފުޒަކަށްވެފައި ރާއްޖެ ރަމްޒުކުރާ ޓެޓޫތަކެއް ކަން 'ޓެޓޮލް'ގެ ނަމުން ވަރަށް ފަސޭހައިން ދޭހަވެ އެވެ.
ޓެޓޯލްގެ ފަހަތުގައިވާ ހީވާގި ފަންނުވެރި އަކީ މަރިޔަމް ނަޒީހާ ނުވަތަ އެންމެން ދަންނަ ނަމުން ނަމަ ނަޒީ އެވެ. 'ޓެޓޯލް' އަކީ ނަޒީހާގެ މުޅިން އާ ބްރޭންޑެއް ކަމުގައިވިއަސް އޭނާގެ ފަންނުވެރި އެކި ހުނަރުތައް ދަންނަ އެތައް ބަޔަކު ވެ އެވެ.
ނަޒީހާ ފަންނުވެރި ދާއިރާގައި އުޅޭތާ މިހާރު 20 އަހަރަށް ވުރެ ގިނަ ވެއްޖެ އެވެ. އޭނާ ވަނީ އުމުރުން އެންމެ 13 އަހަރުގައި 'ހެނާ އާޓް' އަޅަން ފަށައިފަ އެވެ. އަދި ކުރެހުމުގެ މައުރަޒުތަކުގައި އޭނާގެ ކުރެހުމުގެ ހުނަރު ދައްކާލުމުގެ އިތުރުން މީރު އަދި ނަލަ ކޭކު ވެސް އެކި މުނާސަބަތުތަކަށް އޯޑަރަށް އަޅައިދިނެވެ. ނަޒީހާގެ ހުނަރާއި މަސައްކަތްތެރިކަން އެންމެ ކެޓެގަރީއަކަށް ލުމަކީ އޭނައަށް ކުރެވޭނެ ބޭއިންސާފެކެވެ.
ނަޒީހާގެ ހުނަރުތަކުގެ ތެރެއިން އެންމެ ވިދާލީ އޭނާގެ 'ހެނާ އާޓް' އެވެ. އެކަމުގައި އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަ ކޮށްފައިވާއިރު، 'ހެނާ އާޓް' ނުވަތަ 'ބޮޑީ އާޓް'އަށް ނަޒީހާ އަކީ މިހާރު މާހިރެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އެހެންކަމުން އޭނާ ފަރުމާކޮށްފައިވާ ދިވެހިވަންތަ އަމިއްލަ ޑިޒައިންތަކެއް އެކުލެވޭ ޓެޓޫތަކެއް ނެރުމަކީ ނަޒީހާގެ ފަންނުވެރި ދަތުރުގައި އެޅި އެކަށީގެންވާ ފިޔަވަޅެކެވެ.
"ބޭނުންވީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ އަދި ޗުއްޓީއަކަށް ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދާ ނަމަ ފަސޭހައިން ޖަހާލެވޭނެ އެއްޗެއް އުފައްދަން. އެއީ ކޮންމެ ފަހަރަކު ހެނާ އާޓްއެއް ކުރަހާލަން ވަގުތު ނުލިބިދާނެ އަދި ބައެއް ފަހަރު އެބަ ބޭނުންވޭ ދިވެހިވަންތަ ޑިޒައިންއެއް ޖަހާލަން. އެހެންވެ ހެނާ އާޓް ގޮތަށް ޓެމްޕޮރަރީ ޓެޓޫއެއް ޖަހާލެވޭ، ތަފާތު އަދި ދިވެހިވަންތަ އެއްޗެއް އުފެއްދީ،" ނަޒީހާ ކިޔައިދިނެވެ.
ވަގުތީ ޓެޓޫ ސްޓިކާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލު، އަދި އެކި މުނާސަބަތުތަކަށް މީހުން އާންމުކޮށް ބޭނުން ކުރާ އެއްޗެކެވެ. އެކަމަކު ދިވެހިންގެ މުއްސަނދި ސަގާފީ ޑިޒައިންތަކުން ހިޔާލު ހޯދައިގެން އުފައްދާފައިވާ ޓެޓޫ ސްޓިކާއެއް ބާޒާރުން ލިބެން ނެތްކަން ނަޒީހާއަށް ފާހަގަވި އެވެ. ޓެޓޯލްއަށް ނަޒީހާ ފަރުމާކޮށްފައިވާ ޑިޒައިންތައް ތައްޔާރުކޮށްފައިވަނީ ސަގާފީ އަދި ޒަމާނީ ކަންކަން ގުޅުވާލައިގެންނެވެ. އަދި އެއީ ކޮންމެ ދުވަހަކާ ވެސް ގުޅޭ، ޖަހާލަން ފަސޭހަ ޓެޓޫތަކެކެވެ.
އެކަމަކު އުފެއްދުންތެރިންނަށް ފުރިހަމަ އުފެއްދުމެއް ތައްޔާރުކުރަން ގިނަ ގޮންޖެހުންތަކަކާ އަބަދުވެސް ކުރިމަތިލާންޖެހެ އެވެ.
ނަޒީހާ ޓެޓޯލްގެ މަސައްކަތް ފެށީ މީގެ ފަސް އަހަރު ކުރިންނެވެ. ނެރެން ބޭނުންވާ ޑިޒައިންތައް ވިސްނާފައި ކުރެހުމުގެ އިތުރުން، އެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ކުރިން އެތައް ފަހަރަކު ޓެސްޓު ކުރަން ޖެހުނެވެ. ކޮންމެ އެއްޗެއް ގެންނަން ޖެހެނީ ބޭރުން އިމްޕޯޓު ކޮށްގެނެވެ. ނަޒީހާ ބުނިގޮތުގައި ބޮލުގައި ރާވާފައި ހުރި ޑިޒައިންތައް ހަގީގީ އުފެއްދުމެއްގެ ގޮތުގައި ނެރުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ނަމަވެސް ނަޒީހާގެ މިންނެތް މަސައްކަތުން ލިބުނު ނަތީޖާ ފޮންޏެވެ. އޭނާ ބުނިގޮތުގައި އެންމެ އުފާވަނީ ޓެޓޯލް ބޭނުންކުރި މީހުންނާއި އެކި ފަރާތްތަކުން ލިބުނު ތައުރީފާ މެދު އެވެ. ގިނަ މީހުން ބުނި ގޮތުގައި ސަގާފީ ޑިޒައިންތަކެއް އެކުލެވޭ އުފެއްދުމެއް 'ވެއަރަބަލް އާޓް'ގެ ގޮތުގައި ލިބެން ހުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ.
ޓެޓޯލްގެ ޓެޓޫ ސްޓިކާ ގަންނަން ބޭނުންވާ މީހުން އެ ބްރޭންޑުގެ އިންސްޓަގްރާމް ޕޭޖަށް މެސެޖުކުރުމުން ލިބޭނެ އެވެ.
ޓެޓޯލް އިން ވަނީ 'ޕޮޕް-އަޕް' އިވެންޓުތަކާއި ފެއާތަކުގައި ބައިވެރިވެފަ އެވެ. އިވެންޓުތަކުގައި ބައިވެރިވެ ނަޒީހާ އަންނަނީ މީހުންނަށް 'ކަސްޓަމް ހެނާ' އަޅައިދިނުމުގެ ހިދުމަތް ވެސް ދެމުންނެވެ.
ނަޒީހާ ބުނިގޮތުގައި ޓެޓޯލް އަކީ އަނެއްކާވެސް އާ ފެށުމެކެވެ.
"އަޅުގަނޑު މި ކުރިއަށްދަނީ ސްޓެޕް-ބައި-ސްޓެޕް. މުސްތަގުބަލުގައި އާ ޑިޒައިންތަކުގެ އިތުރުން އާ އުފެއްދުންތައް ވެސް ފެނިގެންދާނެ، އިންޝާﷲ،" ނަޒީހާ ބުންޏެވެ.
ޓެޓޯލްގެ ޓެޓޫ: މިއީ ދިވެހިވަންތަ ސަޅި ޓެޓޫއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ