ކުންފުނިތަކުން މުވައްޒަފުން މަދުކުރާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އެންގުމާ ގުޅިގެން، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލޭނެތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 39 މެންބަރުން ވޯޓު ދެއްވި އެވެ.އޭނާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓަށް މުވައްޒަފުން މަދު ކުރުމުން ކުއްލި ގޮތަކަށް 13،000 މުވައްޒަފުން ވަކިވާނެ އެވެ.އެއްވެސް ޕްލޭނެއް ނެތި އަދި ކުއްލި ގޮތަކަށް ކުރާ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ވާނެ ކަމަށާއި އެއީ ވަޒީފާ އާ ބެހޭ ގާނޫނާއި އަދި ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ވެސް ހިލާފު ކަމެއް ކަމަށް ޝަމްހީދު ވިދާާޅުވި އެވެ.ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގައި 42,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އަންދާޒާ ކުރެވެއެވެ. އެ އަދަދުން ބަލާއިރު، ސަރުކާރުން ނިންމާފައިވާ ގޮތަށް 33 ޕަސެންޓު މުވައްޒަފުން މަދުކޮށްފި ނަމަ، 13,000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.ސަރުކާރުން މި ފިޔަވަޅު އަޅަން ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.ޕީސީބީ މެދުވެރިކޮށް ކުންފުނިތަކަށް އަންގާފައި ވަނީ ހިންގުމުގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި، ކޮންމެހެން ބޭނުން ނުވާ ވަޒީފާތަކަށް މީހުން ނުނެގުމަށެވެ.ނަމަވެސް މަޖިލީހަށް ހުށަހެޅި މައްސަލާގައި ބާރުއަޅާފައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ފަށަންވާނީ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްގެން ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ