ރައީސް ވިދާޅުވީ އެމްއޭސީއެލްއިން ސިޔާސީ ވަޒީފާ ދިންކަން އެނގިވަޑައިނުގަންނަވާ ކަމަށް

ބޮޑެތި މުސާރައިގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އެމްއޭސީއެލްއަށް ނަގާފައިވާ ކަމުގެ ތުހުމަތުތައް ދޮގުކުރައްވައި އެފަދަ ކަމެއް ހިނގާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނިމިދިޔަ އިންތިހާބަށް ފަހު އެމްއޭސީއެލްއަށް ގާތްގަނޑަށް 85 ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ލިސްޓެއް ވަނީ ދައުރުވެފަ އެވެ. އެ ލިސްޓުން ފެންނަ ގޮތުން 20،000ރ. އާއި 40،000ރ.ގެ މުސާރައިގައި ވެސް އެކި ވަޒީފާތަކަށް މީހުން ނަގާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް ކަމެއް ނުކޮށް މުސާރަ ނަގަމުންދާ މީހުން ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.
ބުނީ ކީކޭ؟ - ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެ މަނިކުފާނާ ހަމައަށް އެފަދަ ލިސްޓެއް އައިސްފައިނުވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު އަންގާފައިވާނެ ކަމަށެވެ.
އެކަން ކުރާއިރު ތަނަށް ބޭނުންނުވާ މުވައްޒަފުންނާއި ތަނުގެ މިންގަނޑުތަކާއި ހިލާފަށް ނަގާފައިވާ މީހުން ވަކިކުރަން ވެސް އަންގާފައިވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ކައުންސިލް އިންތިހާބަށް 72 ގަޑިއިރަށް ވެފައި އޮއްވާ އެމްޓީސީސީން ކުލަ ގަދަ ރަސްމިއްޔާތެއްގައި ނެރުނު 'މާލެ ޓެކްސީ' އެޕަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތައް ވެސް ރައީސް ދޮގުކުރެއްވި އެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަތީ، އެޕްގައި މައްސަލަތަކެއް އުޅޭކަން ކަމަށާއި އެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ކުރިއަށް ގެންދަން ޓްރާންސްޕޯޓު މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު ގާނޫނާ ހިލާފަށް، ނުފޫޒުގައި އުސޫލުން ބޭރުން ކަމެއް ކުރަން ފުރުސަތެއް ނުދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"[ޓެކްސީ އެޕްގެ ހިޔާނާތާ ގުޅޭ މައްސަލައެއް] އަޅުގަނޑާ ހަމައަކަށް ނާދެ. އަޅުގަނޑާ ހަމައަށް [އެމްއޭސީއެލްއާ ގުޅޭ] ތި ކަހަލަ ލިސްޓެއް ވެސް ނާދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު އިތުރަށް ވިދާޅުވީ:
ކެމްޕޭންތަކާ ދިމާކޮށް ސިޔާސީ މުވައްޒަފުން ނެގުން ނުވަތަ ވަޒީފާ ދިނުން ނިމުމަކަށް އަންނަންޖެހޭ ކަމަށް ނިމިދިޔަ އިންތިހާބުގައި ރައްޔިތުން ބުނެފައިވޭ
އެހެންކަމުން އެ މަނިކުފާނު ވެސް އަމަލުކުރާނީ އެގޮތަށް ކަމަށް ވިދާޅުވި
ސަރުކާރުގެ އެއްވެސް ހިއްސާ އޮންނަ ކުންފުންޏަކަށް، ވަޒީފާއަށް އިއުލާންކޮށް ތައުލީމާ ތަޖުރިބާއަށް ބަލައިގެން ނޫނީ ދެން މުވައްޒަފުން ނުނަގާނެ ކަމަށް ވިދާޅުވި
ނުގަވާއިދުން ވަޒީފާ ދީފައިވާ މީހެއްވާ ނަމަ އެ މީހަކު ވަޒީފާއިން ވަކިކުރަން ވެސް މިހާރު ވާނީ އަންގާފައި
ފާހަގަކޮށްލެވޭ ކަމެއް - އިންތިހާބުތަކާ ދިމާކޮށް، ސިޔާސީ މުވައްޒަފުން ނެގުމުގެ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ. 
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އިންތިހާބާ ދިމާކޮށް މިގޮތަަށް ގިނަ ވަޒީފާތަކަކަށް މީހުން ނަގާފައިވެ އެވެ. އޭރު މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިބި އިރު އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައި ވެސްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ