ޤުރުއާނާއި މިސާލު: ކާފިރުން ސުވާލުކުރަނީ ހައްގު ހޯދާކަށް ނޫން، ފަސާދަކުރަން

ބަޔަކަށް އެއްޗެއް ބުނެދޭން އެންމެ ފަސޭހަ ގޮތަކީ އެމީހުންނާ ގުޅުވައިގެން ސާފު ސީދާ މިސާލުތައް ދެއްކުމެވެ. ކީރިތި ޤުރްއާން ބާވައިލެއްވިއިރު އެ ފޮތުގެ އެންމެ ފުރަތަމަ އޯޑިއެންސަކީ އަރަބީންނެވެ. އެމީހުންނަކީ ސަހަރާގައި ސާދާ ދިރިއުޅުމެއް އުޅުނު ބަޔެކެވެ. ﷲ އެމީހުންނާ މުހާތަބުކުރައްވަނީ އެމީހުންނަށް އެންމެ ފަސޭހައިން ނަގައިގަނެ ދަސްވާނެ ގޮތަށެވެ. ﷲގެ ވަހީ ބަސްފުޅު އެމީހުންގެ ހިތާއި ނަފުސަށް ފަސޭހައިން ވަންނާނެ ގޮތަށެވެ. އެގޮތުން ﷲ މިސާލު ޖައްސަވަނީ ވެސް އެމީހުންގެ ސަގާފަތާއި އެމީހުންގެ މާހައުލާ ގުޅިލާމެހޭ ގޮތަށެވެ.
މައްކީ ޤުރްއާނަކީ އިސްލާމް ދީނުގެ ބިންގަލެވެ. އެގޮތުން ﷲގެ އެއްކައުވަންތަކަމާއި ރަސޫލުﷲގެ ރަސޫލުކަމާއި އާޚިރަތް ދުވަހަށް ބާރުއެޅުނެވެ. މައްކީ ޤުރްއާނުގައި ﷲ މިސާލު ޖައްސަވަނީ މިދެންނެވި ކަންކަމަށް ރިއާޔަތްކުރައްވަމުންނެވެ. މަދަނީ ޤުރްއާނުގެ ބިންގަލަކީ ސުލްހަވެރި އަމާން މުޖުތަމައުއެކެވެ. އެގޮތުން މުސްލިމުންގެ ޝަރީއަތާއި ގާނޫނާއި އެމީހުން އުޅެންވީ ގޮތް ބަޔާންކުރައްވަނީ މަދަނީ ޤުރްއާނުގަ އެވެ. މަދަނީ ޤުރްއާނުގައި ﷲ މިސާލު ޖައްސަވަނީ އެކަންކަމަށް ރިއާޔަތްކުރައްވަ އެވެ. ޒަމާނީ ސައެންސްގެ އަލީގައި ކީރިތި ޤުރްއާނުގައިވާ މިސާލުތަކަށް ވިސްނުމުން އެނގި ކަށަވަރުވާކަމަކީ އެފޮތުގެ ހައްގުކަމާއި ތެދުކަމެވެ.
ކީރިތި ޤުރްއާނުން ފާހަގަކުރެވޭ އެއް ސިފައަކީ މަރުވެފައިވާ ނުވަތަ ހުއްޓިފައިވާ އެއްވެސް ހަގީގަތެއް އެފޮތުގައި ނުވުމެވެ. މި ބަހުގެ މާނަޔަކީ ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރައްވާ ކަންކަން އަބަދުވެސް ހިނގައި ތަކުރާރުވުމެވެ. ކީރިތި ޤުރްއާން ގިޔާމަތަށް ދާދެން މުޖުތަމައުއާ ގުޅުން ހުރި ފޮތަކަށް ނުވަތަ ރެލަވަންޓް ބަސްފުޅަކަށް ވަނީ އެފޮތުގައިވާ ކަންކަމުގައި ދިރުން ހުންނާތީ އެވެ. ޤުރްއާނުގައި ހުރި މިސާލުތައް އުނގެނުން ފަސޭހަކުރަން ޤުރްއާނުގައިވާ މި ހަގީގަތް ދެނެގަންނަން ޖެހެ އެވެ.
ބަޤަރާ ސޫރަތުގެ 26 ވަނަ އާޔަތުގައި މަދިރިއަކުން ޖެއްސެވި މިސާލުގައި ﷲ ފިސާރި ވަރުގަދަ ވާހަކައެއް ބަޔާންކުރައްވަ އެވެ. އެއީ އީމާންވި މީހުންނާއި ކާފިރުވި މީހުންގެ މެދުގައި ހުރި ބޮޑު ފަރަގެކެވެ. އެއީ އީމާންވި މީހުން ދަންނަ މީހުންނަށް ވުމާއި ކާފިރުވި މީހުން ނުދަންނަ މީހުންނަށްވެ، އެ ވާހަކަ ބުނާ ބަޔަކަށް ވުމެވެ. އީމާންވި މީހުންނަށް ﷲ ޖެއްސެވި މިސާލަކީ ހައްގު ތެދެވެ. އެކަމަކު ކާފިރުވި މީހުން އެކަމެއް ނުދަނެ އެވެ. އީމާންވި މީހުން ދަންނަކަމުގައި އަންގަވަމުން ކާފިރުވި މީހުންނަކީ ވާހަކަ ބުނާ ބައެއް ކަމުގައި ﷲ އަންގަވަ އެވެ. އިންސާނާއަށް ތެދުމަގު ލިބެނީ އޭނާ އުނގެނިގެން ނުވަތަ ދަނެގެންނެވެ. އުނގެނުމަކީ އެތެރެފުށުގެ ކަމެކެވެ. އީމާންކަމަކީ ވެސް އެތެރެފުށުގެ ކަމެކެވެ.
މަދިރީގެ ވާހަކަ ބަޔާންކުރައްވާ މިސާލު ދެނެގަތުމަށް 'ހައްގު' މި ބަހުގެ މާނަޔައަށް ބަލަން ޖެހެ އެވެ. މި ބަހުގައި ގިނަ މާނަތަކެއްވެ އެވެ. އޭގެ ތެރެއިން އެއް މާނަޔަކީ ހަގީގަތެވެ. މިބަހުގެ އަނެއް މާނަޔަކީ މަގުސަދެވެ. ހައްގު މި ބަހުގެ އެއް މާނަޔަކީ ތެދު ނުވަތަ ހުއްޖަތެވެ. އެހެންކަމުން ޤުރްއާނުގައި ﷲ ބަޔާންކުރައްވާ ކޮންމެ މިސާލަކުން އަންގައިދެނީ ބޮޑު ހަގީގަތެކެވެ. އެ ހަގީގަތުން އިންސާނާއަށް ދައްކަނީ ތެދުމަގެވެ. މިކަމުން އަންގައިދެނީ ޤުރްއާނުގައިވާ ކޮންމެ މިސާލެއްގެ ފަހަތުގައި ވަރުގަދަ މަގުސަދެއް އޮތް ކަމެވެ.
ބަޤަރާ ސޫރަތުގެ 26 އާޔަތުގައި ކާފިރުވި މީހުން ސުވާލުކުރާ ނުވަތަ ސުވާލުއަހާ ވާހަކަ ﷲ ބަޔާނެއް ނުކުރައްވަ އެވެ. އެކަމަކު ﷲ ވަހީކުރައްވަނީ އެމީހުން ސުވާލުކުރާ ވާހަކަ އެވެ. ސުވާލުކުރުމުން އެމީހުންނަށް ހައްގު ޖަވާބު ލިބޭނެ އެވެ. އެކަމަކު އެމީހުން އުޅެނީ ހައްގު ހޯދާކަށެއް ނޫނެވެ. އެމީހުންގެ ބޭނުމާއި މަގުސަދަކީ ފަސާދަކުރުމެވެ. ފަސާދަކުރަން އެދޭ މީހުން އަހައި އޮޅުންފިލުވާނެ ކަމެއް ނޯންނާނެ އެވެ. އެހެންވެ ﷲ މިކަން ސާފުކޮށް ބަޔާންކޮށްދެއްވަ އެވެ. ސުވާލުކުރާނީ ނުވަތަ ސުވާލު އަހާނީ ހެޔޮ ނިޔަތެއް އޮވެގެންނެވެ.
ދުނިޔޭގެ އަދުގެ ހާލަތަށް ނަޒަރު ހިންގާއިރު ވެސް ފެންނަނީ މަދީނާގެ ޔަހޫދީން ދެއްކި ހަމަ އެވެ. ގިނަ މީހުން ބުރަވާތަން ފެންނަނީ މޮޅުކަމަށެވެ. ޔުނިވަސިޓީތައް ތަރުތީބުކުރެވިފައި ނުވަތަ ރޭންކުކުރެވިފައި ހުންނަނީ އެގޮތަށެވެ. އެއްޗެއް ނޭނގުނަސް ހާވާޑުން ކިޔަވައިފިއްޔާ އެއީ އެންމެ މޮޅު މީހާ އެވެ. މީހާ ދައްކާ ނުވަތަ ހުށަހަޅާ ހެއްކާއި ހުއްޖަތަކީ މުހިންމު އެއްޗެއް ނޫނެވެ. މިއީ ރަސޫލުﷲއާ މެދު ޔަހޫދީ ފާދިރީންނާއި އިލްމުވެރިން ކަންކުރި ގޮތެވެ. މިހާރުވެސް ހުޅަނގުގެ ގައުމުތަކުން އިސްލާމް ދީނާ މެދު ދެކެނީ އެގޮތަށެވެ.
ޔަހޫދީންގެ މަކަރުވެރި، ހީލަތްތެރި އުކުޅުތަކަށް ﷲ ޖަވާބުދެއްވަނީ ނުހަނު ފުރިހަމައަށެވެ. މި އާޔަތުގައި ﷲ އަންގަވަނީ ﷲގެ މިސާލުން މަގުފުރެދެނީ ފާސިގުން ކަމަށެވެ. ﷲގެ މި ބަސްފުޅުން، ޖަހައި މޮހޮރު މަލަރުކުރާ ފަދައިން ޔަހޫދީންގެ މަކަރުވެރިކަމުގައި ސިއްކަޖެހުނެވެ. ތެދުމަގު ހޯދުމަށް ކީރިތި ޤުރްއާން އުނގެނެން ބޭނުން މީހާ އެފޮތާ ކުރިމަތިލާން ޖެހެނީ ހިތްތިރިކޮށް ތައައްސަބުން ދުރުވެ ހުރެ އެވެ. އެނޫން ގޮތަކަށް އެފޮތާ ކުރިމަތިލާ ކޮންމެ މީހަކު ވާނީ ފާސިގަކަށެވެ. އަދި އެމީހާ ނިމިދާނީ މަގުފުރެދިގެންނެވެ.
ފާސިގުންނަކީ ކޮބައިކަން ޖެހިގެން އޮތް އާޔަތުގައި ﷲ ބަޔާންކުރައްވަ އެވެ. އެމީހުންނަކީ ﷲއާ އަހުދު ހިފުމަށް ފަހު އަހުދު އުވާލާ މީހުންނެވެ. އަދި އެމީހުންނަކީ ގުޅުވައި ދެމެހެއްޓުމަށް ﷲ އަމުރުކުރެއްވި ކަންތައްތައް ކަނޑާލައި ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ. ޔަހޫދީން ރަސޫލުﷲގެ ބަސްފުޅު ދޫކޮށް ޤުރްއާނުގައި އެކަނި ހިފަން އުޅުނެވެ. ހަމަ އެގޮތަށް ކާފިރުވި މީހުން އާއިލީ ގުޅުންތަކަށް ސަމާލުކަމެއް ނުދިނެވެ. ﷲގެ  މި ބަސްފުޅުން ލިބޭ ފިލާވަޅަކީ ޤުރްއާން ގަބޫލުކުރާ ފަދައިން ރަސޫލުﷲގެ ބަސްފުޅު ގަބޫލުކުރަން ޖެހޭ ކަމެވެ. އަދި ލޭގެ ނުވަތަ ރަހިމްގެ ގުޅުންތަކަށް އިސްކަންދީ އެގުޅުންތައް ދަމަހައްޓަން ޖެހޭ ކަމެވެ. މައިންބަފައިންނަށް ކަމޭހިތަން ޖެހޭ ކަމެވެ. އަދުގެ ދިރާސާތައް ހާމަކުރާ ގޮތުގައި މުޖުތަމައުތައް ފަސާދަވާ މައިގަނޑު އެއް ސަބަބަކީ އާއިލީ ގުޅުންތައް ހީނަރުވުމެވެ.
އުނގެނުމުގެ އަސާސީ ފިލާވަޅަށް ބަލަމާ ހިނގާށެވެ. މިސާލަކަށް ތަކުރާރުކޮށް ކިޔަވައި ފަރިތަކޮށްގެން ވެސް ތިމާއަށް އެއްޗެއް ނޭނގެ އެވެ. އެހެންކަމަށް ވަންޏާ ނޭނގުން ގުޅިފައިވަނީ އޭގެ ކުރިން ތިމާ ފުރިހަމަކުރަން ޖެހޭ ކަމަކާ ނުވަތަ ކަންކަމާ އެވެ. މި މިސާލުން ލިބޭ އެއް މެސެޖަކީ ކުރިން ފުރިހަމަވާން ޖެހޭ ބައި ނުވަތަ ޕްރިރިކުއިސިޓްގެ މުހިންމުކަމެވެ. އެއީ ތިމާގެ އަހުލާގާއި ސުލޫކެވެ. އެއީ ތިމާގެ ހިތްތިރިކަމާއި އިންސާފުވެރިކަމެވެ. ތެދުމަގަށް ވާސިލުވެވެނީ ކިބުރުވެރިކަމާއި ތައައްސުބުން ދުރުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ