ކުރީގެ މެންބަރު މުސްތަފާ، ސޯލިހަށް މަރުގެ އިންޒާރު ދީފި؛ ފުލުހުން ބަހެއް ނުބުނި

ކުރީގެ ރައީސް އިބްރާހީމް މަރާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މުސްތަފާ ކުރެއްވި އެ ޕޯސްޓާ ގުޅިގެން އިއްޔެއިން ފެށިގެން ނޫސްވެރިން ގެންދަނީ ފުލުހުންގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕްގައި ސުވާލުކުރަމުންނެވެ. ނަމަވެސް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ފުލުހުންގެ މީޑިއާއަށް 'ދައުރު'އިން ވަކިން އެކި ފަހަރު މަތިން ގުޅުމުން ވެސް ޖަވާބު ނުދޭތީ، ފުލުހުންގެ ބަހެއް މި ކަމުގައި ލިބޭ ގޮތެއް ނުވި އެވެ.
ތަފްސީލް - ކުރިން އެމްޑީޕީގައި ވެސް ސިޔާސީ މަސައްކަތްކުރެއްވި މުސްތަފާ ފުރަތަމަ ކުރެއްވި ލިއުއްވާފައިވަނީ ސޯލިހަކީ މަރާލަން ޖެހޭ ބޭފުޅެއް ކަމަށެވެ. އަދި މުސްތަފާ ފަދަ މީހަކު ވެރިކަމުގައި ނެތުމަކީ ސޯލިހުގެ ނަސީބު ކަމަށް ވެސް ލިއުއްވާފައިވެ އެވެ.
އޭގެ ފަހުން ވެސް މުސްތަފާ ޕޯސްޓެއް ކުރެއްވި އެވެ. އެ ޕޯސްޓްގައި ސޯލިހު ޓެގްކުރެއްވުމަށް ފަހު ވިދާޅުވީ ސޯލިހުގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ފަދަ ބޭފުޅުން ވެސް 'އިސްލާމީ ގާނޫނު ހިނގާ ތަނެއް' ނަމަ ދުނިޔޭގައި ނުތިބޭނެ ކަމަށެވެ. ޗައިނާ ފަދަ ގައުމެއް ނަމަ ދަންޖައްސައި މަރާލާނެ ކަމަށް ވެސް ލިއުއްވާފައިވެ އެވެ.
އެނގުން މުހިންމު - މީގެ ހަތަރު އަހަރު ކުރިން ފެށިގެން މުސްތަފާ ގެންދަވަނީ ސޯލިހު އޭނާއަށް 1.7 މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އެއީ ރިޔާސީ އިންތިހާބުގައި ސޯލިހަށް މަޖިލީހުގެ މެންބަރުން ގަތުމަށް މުސްތަފާ ދެއްވި 500،000 ޑޮލަރާއި އޭނާގެ ބޯޓެއް ވިއްކާލައިގެން ހޭދަކުރެއްވި 1.2 މިލިއަން ޑޮލަރު ކަމަށް މުސްތަފާ ވިދާޅުވެފައިވެ އެވެ.
އެ ތުހުމަތާ އެކު، މުސްތަފާ ގެންދަވަނީ ސޯލިހަށް ނިސްބަތްކޮށް ވަރަށް ހުތުރުބަހުން، ފާޑުވިދާޅުވެ ޕޯސްޓްކުރައްވަމުންނެވެ. މި ތުހުމަތުތަކާ ގުޅޭ ގޮތުން ސޯލިހު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ