ރާއްޖޭގެ އެންމެ ޕްރޮފެޝަނަލްކޮށް ހިންގަމުން އަންނަ ބެޑްމިންޓަން ޓީމު، ރިވައިވަލް ސްޕޯޓްސް އިން ޓީމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމަށް އަޒަރުބައިޖާނަށް ގޮސްފި އެވެ.
އެ ގޮތުން، މި މަހު 3-8 އިން އަޒަރުބައިޖާނުގައި ކުރިއަށްގެންދާ އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕަފޯމަންސް ޓީމު އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ހަތަރު ކުޅުންތެރިން ވާދަކުރާނެ އެވެ. އެއީ، ޒަޔާން ޒަކީ، ނިބާލް އަހުމަދު، ފާތިމަތު ނަބާހާ (ނަބާ) އަދި އައިމިނަތު ނަބީހާ (ނަބީ) އެެވެ.
ޓީމާ އެކު، ކޯޗު ނަޝްފާން މުހައްމަދު ވެސް ދަތުރުކޮށްފައިވާއިރު، މުބާރާތް ނިންމާފައި އެނބުރި ރާއްޖެ އަންނާނީ 10 ފެބްރުއަރީގަ އެވެ.
މީގެ ކުރިން، ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމުގެ ވަކިވަކި ކުޅުންތެރިން ވަނީ ޔޫރަޕްގެ އެކި މުބާރާތްތަކުގައި ކުޅެފަ އެވެ. އެކަމަކު، މިއީ ޓީމެއްގެ ގޮތުގައި ގޮސް ވާދަކުރާ ފުރަތަމަ ފަަހަރެވެ
އެހެން ކަމުން، އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖަކީ، ރިވައިވަލް އަށް ހާއްސަ މުބާރާތެކެވެ. ޔޫރަޕްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ޓީމެއްގެ ގޮތުގައި ވާދަކުރާއިރު، މިއީ ޗެލެންޖް ލެވަލްގެ މުބާރާތެއް ކަމަށްވާތީވެ، ކްލަބުން ދާން ބޭނުންވާ މިސްރާބަށް ދިއުމަށްޓަކައި، މި މުބާރާތުން މަގުކޮށޭނެ އެވެ.
މިދިޔަ އަހަރުގެ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، މިދިޔަ އަހަރުގެ ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުން ރިވައިވަލް ސްޕޯޓްސް ކުޅުންތެރިން ބާކީކުރި އެވެ. އެ ގޮތަށް ބީޑަބްލިއުއެފް އިން ނިންމިއިރު، ރިވައިވަލްގެ ކުޅުންތެރިން ވަނީ ޗެކް ރިޕަބްލިކާއި އިޓަލީ މުބާރާތްތަކުން އެންޓްްރީ ވެސް ހަދައިފަ އެވެ.
ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޝަނުގައި އޮއްވައި ދިން ލުޔެއްގެ ބޭނުންހިފައި ރިވައިވަލް އިން އެފްރިކާގައި ކުރިއަށްދިޔަ ބީޑަބްލިއުއެފް ތިން މުބާރާތެއްގައި ކުޅެ، ހަތް މެޑަލް ހޯދި އެވެ. ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން، ނަބީ އާއި ނަބާގެ ޕެއާ އިން ރިހި މެޑަލް ހޯދި އެވެ.
ބޮޓްސްވާނާ އިންޓަނޭޝަނަލް އިން، އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އިން ރިހި މެޑަލެއް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ލޯ މެޑަލެއް ހޯދައިފަ އެވެ.
ސައުތު އެފްރިކާ އޯޕަންގައި، ނަބާ ވަނީ އަންހެން ސިންގަލްސް އިން ލޯ މެޑަލެއް ހޯދައިފަ އެވެ. އަދި، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ލޯ މެޑަލެއް ހޯދިއިރު، މި ތިން މުބާރާތުގައި ވެސް ނަބާ އާއި ނަބީގެ ޕެއާ އިން އަންހެން ޑަަބަލްސްގައި ލިބިފައިވަނީ ރިހި މެޑަލް އެވެ.
ރިވައިވަލް ސްޕޯޓްސް ޓީމުން ފުރަތަމަ ފަހަރަށް ޔޫރަޕް މުބާރާތަކަށް ރިވައިވަލް ސްޕޯޓްސް ޓީމުން ފުރަތަމަ ފަހަރަށް ޔޫރަޕް މުބާރާތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ