ކާޓޫން ނެގުމަށް ކުރި އަމުރު ބާތިލްކުރަން ސިވިލް ކޯޓަށް

'އަދަދު'ގެ 'ސިޔާސީ ކާޓޫން' ސެގްމަންޓްގައި ޕޯސްޓްކުރި ކާޓޫން ކޮންޓެންޓެއް ނެގުމަށާއި އެ ސެގްމަންޓް ވަގުތީ ގޮތުން ހުއްޓާލުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ނެރުނު އަމުރު ބާތިލްކުރުމަށް އެ ނޫހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - މީޑިއާ ކޮމިޝަނުން މައްސަލަ ބަލަމުންދަނީ މިދިޔަ 22 ޖެނުއަރީގެ ހެނދުނު 'އަދަދު' ނޫހުން ޖެހި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ އެވެ. އެގޮތުން:
އެ ކާޓޫނުން ދައްކައިދެނީ ބަޔަކު ނަމާދުގެ ޖަމާއަތުގައި ތިއްބައި، ރައީސް މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ، ނޭފަތް ދިގު މިީހެއް އިމާމަށް ހުންނަ މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ ތަން
މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މައްސަލަ ބަލަމުން ދަނީ، އިސްލާމް ދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކަމަށް ތުހުމަތުކޮށް
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން ހާމަކޮށް އަދަދު ނޫހުގެ ފަރާތުން މިއަދު ބަޔާނެއް ނެރެފައިވެ އެވެ.
ތަފްސީލް - އެ ނޫހުން ބުނީ ކާޓޫނު
ފަރުމާކޮށްފައިވަނީ، މުޖްތަމައުގައި އާންމުވަމުންދާ ވައްކަމުގެ މައްސަލައަށް
އަލިއަޅުވާލައި، އެކަން އާންމުވެފައިވާ މިންވަރާ މެދު ހިޔާލު ފާޅުކުރުމުގެ
ނިޔަތުގައި ކަމަށެވެ. ނަމާދަށް ތިބެގެން ވެސް ވައްކަން ކުރަމުންދާކަން ބަޔާންކުރުމަށް ކަމަށެވެ.
ކާޓޫނުގެ ކޮންޓެކްސްޓާއި
ކާޓޫނުން ދައްކުވައިދޭ މަންޒަރުން ކުރެވޭ ދޭހަ އޮޅުންނާރާހާ ސާފުކޮށް އޮތްއިރު، ކޮމިޝަނުން
ކުރާ ތުހުމަތުގައި ހަގީގީ އަސާސެއް ނެތެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
އަދަދު ނޫހުން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ބަޔާނުގައި ބުނެފައިވަނީ:
ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ކޮމިޝަނަށް ކުރެވޭނެ ކަންކަން،  ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކުރާއިރު، ކޮންޓެންޓެއް ގާނޫނާ ހިލާފުވާކަމަށް ކަނޑައެޅުމުގެ ކުރިއަށް ވަގުތީ ފިޔަވަޅުތައް އަޅައި، ކޮންޓެންޓު ނެގުމަށް އަމުރު ކުރުމުގެ ބާރެއް ގާނޫނުން އެ ކޮމިޝަނަކަށް ނޯންނަ ކަމަށް
ދައުލަތުގެ އިދާރާތަކުގެ ނިންމުންތައް ވާންޖެހެނީ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދި އަދުލުއިންސާފުގެ ހަމަތަކުގެ މަތިން ނިންމާ ނިންމުންތަކަކަށް ކަމަށް ގާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށް
ކޮމިޝަނުގެ ނިންމުން ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އާ ހިލާފުވާކަމަށް ކަނޑައަޅައިދިނުމަށް، ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވާނެ
މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް މައްސަލައެއް ހުށަހެޅި ކަމަށް ބުންޏެވެ. އެ ގޮތުން:
އޭސީސީއަށް މައްސަލަ ހުށަހެޅީ، ދައުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އެ މީހެއްގެ ވާޖިބު އަދާކުރުމުގައި ގާނޫނުން ހުއްދަކޮށްފައިވާ ނުވާ އަމުރުތައް އާންމުންގެ މައްޗަށް ކުރުމަކީ، ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެއް ކަމަށް ވާތީ
އެޗްއާރުސީއެމަށް މައްސަލަ ހުށަހެޅީ، ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގަށް އުނިކަން ލިބިފައިވާތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ