އަދަދު ނޫހުގެ ކާޓޫނު ނަގަން އެންގުން ބާތިލްކޮށްދޭން އެދި އެ ނޫހުން ކޯޓަށް

"އަދަދު" ނޫހުގެ ކާޓޫނުގެ މައްސަލައިގައި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާކަމަށް ބުނެ، އެ ކާޓޫނު ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އަމުރު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް އެ ނޫހުން މައްސަލަ ހުށަހަޅައިފިއެވެ. އެ ކަން ހާމަކޮށް އެ ނޫހުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި އެ ކާޓޫނު ނެގުމަށް ކޮމިޝަނުން އެންގީ އެފަދަ އެންގުމެއް އެންގުމުގެ ގާނޫނީ ބާރު ނެތި، އެއްވެސް އަސާސެއް ނެތް ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މައްސަލައެއް ބަލައި ނިމުމުގެ ކުރިން އެފަދަ ފިޔަވަޅެއް އެޅުމުގެ އިހްތިޞާސް މިދިޔަ އަހަރު ފާސްކުރި ގާނޫނުން ކޮމިޝަނަށް ލިބިދީފައި ނުވާކަމަަށް ދައުވާގައި ފާހަގަކޮށްފައިވާކަމަށް ބަޔާނުގައިވެއެވެ. ދައުވާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ނޫހެއްގެ ވަކި ސެގްމެންޓެއް ހުއްޓުވުމުގެ ބާރު ގާނޫނުގެ 64 ވަނަ މާއްދާއިން ކޮމިޝަނަށް ލިބިދީފައެއް ނުވެއެވެ. އަދި ކޮމިޝަނުގެ މި ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ، އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދަދު ނޫހުން ބުނިގޮތުގައި އެ ކާޓޫނަކީ މުޖުތަމައުގައި އިތުރުވަމުންދާ ވައްކަމުގެ މައްސަލަތަކަށް އިޝާރާތްކޮށް، އެކަމާ މެދު ޚިޔާލުފާޅުކުރުމުގެ ބޭނުމުގައި ކުރަހާފައިވާ ކާޓޫނެކެވެ. ނަމަވެސް ކޮމިޝަނުގެ އެންގުމުގެ ސަބަބުން އެ ފުރުސަތު ގެއްލިފައިވާތީ، އެ އެންގުން ބާތިލުކޮށްދިނުމަށް އެދިފައިވެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުން މަޤާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އަދަދު ނޫހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދަދު ނޫހުން އާންމުކުރި ކާޓޫނުގައި ދައްކުވައިދެނީ މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު ކަމަށް އެ ނޫހުން ބުނެއެވެ. އަދި އެ ކާޓޫނުގެ އަމާޒަކީ ދިވެހި މުޖުތަމައުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ މިންވަރު ދައްކުވައިދިނުން ކަމަށް އެ ނޫހުން ބުނެއެވެ. ނަމަވެސް އެ ކާޓޫނު ދައުރުނުކުރަން މީޑިއާ ކޮމިޝަނުން ވަނީ މީޑިއާތަކަށް އަންގައިފައެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ