އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުން ޑރ. މުހައްމަދު ޒާހިރު ހުސައިން އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅުއްވުމާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ މުހައްމަދު ޒާހިރުއާ ރައީސް އޮފީހުގައި ބައްދަލުކުރައްވައި ޒާހިރު ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ކޮށްދެއްވި މަސައްކަތްތަކަށާއި އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
ތަފްސީލް - ސަރުކާރުން ފެއްޓެވި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގުމާއި ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި އަތޮޅު މަދަރުސާތައް ބިނާކުރައްވައި ތައުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޒާހިރު ކުރެއްވި ހީވާގި މަސައްކަތްތަކަށް، އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ތައުރީފުކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ޒާހިރު ވަނީ:
އިސްލާމިކް ޔުނިވާސިޓީގައި ހިދުމަތް ކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައި
އެ މަގާމުގައި މަސައްކަތްކުރެއްވުމަށް މި ސަރުކާރުން ވެސް ފުރުސަތު ދިނީތީ ޝުކުރު ދެންނެވި
ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކުރައްވައި ފެންވަރު މަތިކުރެއްވުމަށް ރައީސް މުއިއްޒު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފް ކުރެއްވި
މީގެ އިތުރުން، ދައުލަތަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ރައީސް ވަނީ ހާއްސަ ސިޓީފުޅެއް އެ ބައްދަލުވުމުގައި ޒާހިރަށް އަރުވާފަ އެވެ. މި ސިޓީފުޅުގައި:
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގަ އާއި އޭގެ ކުރިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތައުލީމު ފުޅާ ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވާފައިވޭ
އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމާއި ޒަމާނީ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުގައްރަރުތައް އެކުލަވައިލެއްވުމާއި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގެވުމުގަ އާއި ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާ ކުރެއްވުމުގައި އޭނާ އަދާކުރެއްވި ދައުރު ފާހަގަކުރައްވާފައިވޭ
އެނގުން މުހިންމު - ޒާހިރަކީ 49 އަހަރާއި 9 މަސްދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި 33 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޒާހިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވަނީ 10 ނޮވެމްބަރު 2008ގަ އެވެ. އަދި ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު 2024 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޒާހިރު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ