ކޮންޓްރޯކް ކޮމިޝަނުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި އަދަދު ނޫހުން ކޯޓަށް މައްސަލަ ހުށަހަޅައިފި ކޮންޓްރޯކް ކޮމިޝަނުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި އަދަދު ނޫހުން ކޯޓަށް މައްސަލަ ހުށަހަޅައިފި

އަދަދު ނޫހުން ގެނެސްދިން ސިޔާސީ ކާޓޫނެއް އިސްލާމްދީނުގެ އަސްލަކާ ހިލާފު ކަމަށް ބުނެ، އެ ކާޓޫނެ ނެގުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެންގި އެންގުން ބާތިލު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އަދަދު ނޫހުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ އަދަދުގެ ސިޔާސީ ނެގުމަށް ކޮންޓްރޯލް ކޮމިޝަނުން އަންގާފައި ވަނީ އެފަދަ އެންގުމެއް އެންގުމުގެ ގާނޫނީ ބާރު ނެތި ކަމަށާއި އެ އެންގުން އަންގާފައި ވަނީ އަސާސެއް ނެތް ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެގޮތުން، ކޮންޓްރޯލް ކޮމިޝަނުން އަދަދު ނޫހަށް އެންގި އެންގުމުގައި، އެ ކާޓޫނު ނަގަން އަންގާފައި ވަނީ އެ މައްސަލަ ބަލަމުންދާތީ ކަމަށް ބުނެފައިވާއިރު، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ވަކި ގޮތަކަށް ނިމުމުގެ ކުރިން ފިޔަވަޅެއް އެޅުން ހުއްދަކުރާ އަދި އެފަދަ ބާރެއް ކޮމިޝަނަށް ދީފައިވާ މާއްދާއެއް މިދިޔަ އަހަރު ފާސްކުރި ކޮންޓްރޯލް ގާނޫނުގައި ނެތްކަމަށް އަދަދު ނޫހުން ކުރި ދައުވާގައި ބުނެފައިވެ އެވެ.
އަދި، އަދަދުގެ ސިޔާސީ ކާޓޫން ނެގުމަށް އަންގައި ކޮންޓްރޯލް ކޮމިޝަނުން ފޮނުވި ސިޓީގައި، ސިޔާސީ ކާޓޫނު ސެގްމެންޓު ހުއްޓާލަން އަންގާފައި އޮތް ނަމަވެސް، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ބަޔާން ކޮށްފައިވާ އެ ގާނޫނުގެ 64 ވަނަ މާއްދާގައި ނޫހެއްގެ ވަކި ސެގްމެންޓެއް ހުއްޓުވުމުގެ ބާރު ކޮންޓްރޯލް ކޮމިޝަނަށް ދީފައި ނުވާކަން ދައުވާގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން، އެ ދައުވާގައި ބުނެފައި ވަނީ އަދަދުގެ ސިޔާސީ ކާޓޫނު ސެގްމެންޓު ހުއްޓާލުމަށާއި އެ ކުރެހުން ނެގުމަށް ކޮންޓްރޯލް ކޮމިޝަނުން އަންގަފައި ވަނީ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން ހިފަހައްޓަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
އެގޮތުން، ކޮންޓްރޯލް ކޮމިޝަނުން އަމަލު ކުރަން ވާނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ އެންމެ ފުޅާ ދާއިރާގައި ލިބިދިނުމަށް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަން އަދަދު ނޫހުގެ ދައުވާފައި ބުނެފައިވެ އެވެ.
އަދަދު ނޫހުން ގެނެސްދިން ކާޓޫނުން ދައްކުވައިދެނީ ނަމާދު ކުރަމުންދާ ޖަމާއަތެއްގައި ސަޖިދައަށް ގޮސް އޮތް މީހެއްގެ ޖީބުން ވައްކަން ކުރަމުންދާ މަންޒަރުކަމަށްވާއިރު، އެ ކާޓޫނު ގެނެސްދިނުމުގެ ނިޔަތަކީ މުޖުތަމައުގައި އާންމުވަމުންދާ ވައްކަމުގެ މައްސަލައަށް އަލިއަޅުވާލައި އެކަން އާންމުވެފައިވާ މިންވަރާމެދު ހިޔާލުފާޅު ކުރުން ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
އެހެންނަމަވެސް، ކޮންޓްރޯލް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، ސިޔާސީ ކާޓޫނު ސެގްމެންޓު ހުއްޓާލައި އެ ކާޓޫނު ނެގުމަށް އެންގުމުން އެ ޕޯސްޓު މެދުވެރިކޮށް ފާޅުކުރި ހިޔާލު ހުއްޓި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އަދަދު ނޫހުގެ ދައުވާގައި ބުނެފައިވެ އެވެ.
އެހެންކަމުން، އަދަދު ނޫހުން ކުރި ދައުވާގައި އެދިފައި ވަނީ ކޮންޓްރޯލް ކޮމިޝަނުގެ އެންގުން ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު، އަދަދު ނޫހުން ނެރުނު ބަޔާނެއްގައި ބުނީ ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުން، އެ މީހުންނަށް ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ތަހުުގީގު ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ