އަންނަ އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރަން 3000 އަށް ވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.
އީސީން ބުނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން 1،914 ފޯމު އިއްޔެގެ ނިޔަލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 1,585 ފޯމު ހުށަހަޅާފައިވާކަމަށެވެ. ދެ އިންތިހާބަށް އެއްކޮށް ޖުމްލަ 3,498 ފޯމު ކޮމިޝަނަށް ލިބިފައިވާކަމަށެވެ.
ކެންޑިޑެސީ ގަބޫލުނުކުރި މީހުންގެ ތެރެއިން 286 މީހަކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނި ގޮތުގައި އާންމުކޮށް ކެންޑިޑެސީ ގަބޫލުނުކުރި ސަބަބުތަަކުގެ ތެރޭގައި ހިމެނެނީ ކުށާއި ދަރަނީގެ ރެކޯޑް އުމުރަށް ހުށަހަޅާފައި ނުވުމާއި ކުށެއް ނުވަތަ ދަރަންޏެއް އޮތް ނަމަ، އެކަމުގެ ތަފްސީލު ހުށަހަޅާފައި ނުވުމުގެ އިތުރުން ކަރެޝަނަލް ސާވިސް އިން ފުރިހަމަކޮށް ހުށަހަޅަން ޖެހޭ ކުށުގެ ރެކޯޑް ހުށަހަޅާފައި ނުވުމުންނެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅަން ހުޅުވާލީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު ހަވީރު 5:30 އަށް ހަމަވާނެ އެވެ.
ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން 3000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ