އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަން ޚާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހު އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަން ފަސޭހަކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ޚާއްސަ ޑިޖިޓަލް ޕޯޓަލެއް ތައާރަފްކޮށްފިއެވެ. "ފިޠުރު ޕޯޓަލް"ގެ ނަމުގައި ޑިޖިޓަލް ޕޯޓަލެއް ތައާރަފްކުރުމަށްފަހު ޒަކާތު ހައުސްއިން މިއަދު ބުނީ، އެ ޕޯޓަލް ތައާރަފްކުރީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެކަން ކުރިއަށް ގެންދިއުން ކަމަށެވެ. އެ ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުއާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. އޭގެ ސަބަބުން ފިޠުރު ޒަކާތް މިހާރުވެސް ބަލައިގަންނަ އެކި އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ސައްހަ ޖުމުލަ ޢަދަދުތައް ކޮންމެ ދުވަހަކުވެސް ބަލައިލެވޭނެ ކަމަށްވެސް، ޒަކާތު ހައުސްއިން ބުންޏެވެ. އެ އިދާރާއިން ބުނީ، މިގޮތަށް ހުރިހާ މައުލޫމާތެއް ވަގުތުން ބަލައިލެވުމުގެ ސަބަބުން، ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ފިޠުރު ޒަކާތް ލިބުން ހައްގުވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ޒަކާތް ބެހުމަށް މަގުފަހިވާނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ކޮވިޑް-19ގެ ދުވަސްވަރުން ފެށިގެން ރާއްޖޭގައި ކޮންމެ އަހަރަކު ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަ ގޮތް ވަނީ ހަދައިފައެވެ. އެގޮތުން ރަމަޟާން މަހު އުރީދޫގެ އެމްފައިސާއާއި ދިރާގުގެ ދިރާގު ޕޭ، އަދި ފަހިޕޭ މެދުވެރިކޮށް ފިޠުރު ޒަކާތް ފަސޭހަކަމާއެކު ދެއްކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ