ނިއުކްލިއާ އެއްބަސްވުމަކާ ހަމައަށް ނާދެވޭހާ ހިނދަކު، އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ ކަނޑުގެ ހިސޯރު ކުރިއަށް ގެންދާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ބުދަ ދުވަހު އެކްސިއޯސް އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އިރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހިސޯރު އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އިރާނުން ހުށަހެޅި ހުށަހެޅުމަށް ވެސް އޭނާ ވަނީ ފުރަގަސްދީފައެވެ.
"ބޮން އެޅުމަށްވުރެ މި ހިސޯރުގެ ނަތީޖާ މާ ރަނގަޅު. އެމީހުން އެތިބީ ކަތިލާފައި އޮތް އޫރެއް ފަދައިން ނޭވާ ހާސްވެފައި، ކަންތައްތައް އަދި މިއަށްވުރެ ވެސް ގޯސްވާނެ. އެމީހުންނަކަށް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ." އިރާނަށް އިޝާރާތްކޮށް ޓްރަމްޕް ބުންޏެވެ.
ނިއުކްލިއާ މައްސަލައިގެ އިތުރުން، މިސައިލް އުފެއްދުން ހުއްޓާލުމަށާއި ހިޒްބުالله އާއި ހަމާސް ފަދަ ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލުމަށް އެމެރިކާއާއި އިސްރާއީލުން ކުރިމަތިކުރުވާ ޝަރުތުތަކަށް އިރާނުން ވަނީ ފުރަގަސްދީފައެވެ.
މި ދަނޑިވަޅުގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވަނީ ޓްރަމްޕާ ފޯނުން ގުޅުއްވައި، މި މައްސަލަ ހައްލުކުރުމަށް ރަޝިޔާއިން ހުށަހަޅާ ގޮތްތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.
އަނެއްކޮޅުން އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ، އެމެރިކާއާއި އިސްރާއީލުން އިރާނުގެ މަދަނީ ތަންތަނަށާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ދޭ ހަމަލާތަކަކީ "ހަނގުރާމައިގެ ކުށްތަކެއް" ކަމަށް ބުނެ، އެކަން ބައިނަލްއަގުވާމީ ރެޑް ކްރޮސް (އައިސީއާރުސީ) ގެ ސަމާލުކަމަށް ގެނެސްފައެވެ.
އެއްބަސްވުމަކަށް އާދެވެންދެން އިރާނަށް އަޅާފައިވާ ހިސޯރު ދަމަހައްޓާނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ