ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރޭ އޮތް ވާދަ 1-1 އިން އެއްވަރުވެ، އަންނަ ހަފުތާގައި އާސެނަލްގެ ދަނޑުގައި އޮންނަ މެޗުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
ރޭ ދެ ޓީމުން ވެސް ލަނޑު ޖެހީ ލިބުނު ދެ ޕެނެލްޓީގަ އެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އާސެނަލްއަށް 1-0ގެ ލީޑު ނަގައިދިނީ ޕެނެލްޓީ ލިބެން ވެސް މެދުވެރިވި ފޯވަޑް ވިކްޓާ ޔޮކަރެސް އެވެ.
އެކަމަކު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެތުލެޓިކޯގެ ކުޅުން ދެ ވަނަ ހާފުގައި ވަރުގަދަކޮށް އާސެނަލްއަށް ޕްރެޝަރު ބޮޑުކުރި ވަގުތު ޕެނެލްޓީއެއް ހޯދައި، އެއްވަރުކުރީ 55 ވަނަ މިނިޓްގަ އެވެ. ޕެނެލްޓީ ކާމިޔާބުކުރީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ޖޫލިއަން އަލްވަރޭޒް އެވެ.
މެޗުގެ ފަހު 10 މިނިޓް ތެރޭގައި ދެވަަނަ ޕެނެލްޓީއެއް ވެސް އާސެނަލްއަށް ލިބުނެވެ. އެބެރެޗި އެޒޭއަށް ޕެނެލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ހޯދަނިކޮށް އެތުލެޓިކޯގެ ޑޭވިޑް ހެންކޯ ފައުލްކުރި ކަމަށް ނިންމައި ރެފްރީ ދިން ޕެނެލްޓީ ގޯސްކަމަށް ކަނޑައެޅީ ވީއޭއާރު ބަލައިގެންނެވެ.
މިއީ ލީގު ބުރުގައި މިދިއަ އޮކްޓޯބަރު މަހު އާސެނަލް ދަނޑުގައި 4-0އިން ބަލިވެފައި އޮތް އެތުލެޓިކޯއަށް ހިތްވަރު ލިބުނު ނަތީޖާއެކެވެ. އެހެންކަމުން އަންނަ ހަފުތާގެ ދެވަނަ ލެގުގެ ފޯރިގަދަވެފައި، ވާދަވެރިކަން ވެސް އެހާ ބޮޑުވާނެ ކަމަށް ފެނެ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލަށް އާސެނަލް ހަމައެކަނި ގޮސްފައި ވަނީ 2006ގަ އެވެ. އެކަމަކު ޕެރިހުގައި ކުޅުނު ފައިނަލްގައި ބާސެލޯނާ އަތުން 1-0 އިން ވީ ބައްޔެވެ.
މިއީ މުބާރާތުގެ ސެމީ ފައިނަލްގައި ޖެހިޖެހިގެން އާސެނަލް ކުޅޭ ފުރަތަމަ ފަހަރު ވެސް މެ އެވެ. މިދިއަ އަހަރުގެ ސެމީ ފައިނަލްގައި ބަލިވީ ޗެމްޕިއަންކަން ހޯދި ޕީއެސްޖީ އަތުންނެވެ.
ފުރަތަމަ ލެގު އެއްވަރުވެ ދެވަނަ ލެގުގެ ވާދަވެރިކަން ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ