އީރާނަށް ހަމަލާ ދިނުމަށް އެެމެރިކާއިން މިހާތަނަށް 25 ބިލިއަން ޑޮލަރު ހޭދަކޮށްފައިވޭ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން މިހާތަނަށް 25 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓަގަން އިން ބުނެފިއެވެ. ކޮންޓްރޯލާގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ ޖޫލްސް ހަސްޓް ވިދާޅުވި ގޮތުގައި ފައިސާގެ ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ ހަތިޔާރު ގަތުމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވައެވެ. އަދި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައިހުރި އެމެރިކާގެ ބޭސްތައް އަލުން މަރާމާތު ކުރުމުގެ ޚަރަދު އޭގެތެރޭގައި ހިމެނޭ ކަން ސާފެއްނޫނެވެ. "އަޅުގަނޑުމެން ވައިޓް ހައުސް މެދުވެރިކޮށް ސަޕްލިމެންޓަރީއެއް ފޯމިއުލާ ކުރާނަން، އެ ސަޕްލިމެންޓަރީ ކޮންގްރެސްއަށް އަންނާނެ. އެކަން ކުރާނީ ކޮންފްލިކްޓްގެ ހަރަދުގެ ފުރިހަމަ އެސެސްމަންޓެއް ލިބުމުން." ހަސްޓް އިތުރަށް ވިދާޅުވިއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފަށާފައިވާއިރު، ދެ ގައުމުންވެސް މިހާރު ތިބީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލައިގެންނެވެ. ހަނގުރާމަ ހުއްޓާލާފައިއޮތް ނަމަވެސް ޕެންޓަގަން އިން ވަނީ އިތުރު ދިހަހާސް ސިފައިންނާއި މަތިންދާބޯޓު އުފުލާ ތިން ބޯޓެއް މެދުއިރުމައްޗަށް ފޮނުވާފައެވެ. މި ހަނގުރާމައިގައި އެމެރިކާގެ 13 ސިފައިން މަރުވެފައިވާއިރު، އެތައް ސަތޭކަ ސިފައިންނެއް ވަނީ ޒަޚަމްވެފައެވެ. ހަނގުރާމަ ފެށުނު ފަހުން ތެލާއި ގުދުރަތީ ގޭސް ޝިޕްމަންޓްތަކަށް ބުރޫއެރުމުން އެމެރިކާގެ ގޭހުގެ އަގުތަކާއި ގަސްކާނާ ފަދަ ދަނޑުވެރިކަމުގެ އުފެއްދުންތަަކުގެ އަގު ވަނީ ތަކެތީގެ އަގު އެންމެ ބޮޑަށް ބޮޑުވި ލިސްޓުގެ ކުރީގައި ހިމެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ