އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް ހުޅުވާލައިފިއެވެ. މިއީ ހުރިހާ ބާވަތެއްގެ މުދަލާއި ޚިދުމަތްދޭ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްގައި ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މީގެ އެންމެ މުހިންމު ބޭނުމަކީ އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން މެދުވެރިކޮށް ތަކެތި ގަތުމަށް ހުށައަޅާ ފަރާތްތަކަށް މުދަލާއި ޚިދުމަތް ހޯދޭނެ ތަންތަން އިތުރުކޮށްދިނުންކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްގެ ވެންޑަރ ރަޖިސްޓްރޭޝަން ފޯމު މެދުވެރިކޮށް ވެންޑަރުންނަށް ފަސޭހަކަމާއިއެކު ފޯމު ފުރާލުމަށްފަހު ރަޖިސްޓަރ ކުރެވޭނެއެވެ. ރަޖިސްޓަރ ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ. މިހާރުވެސް ބައެއް ވެންޑަރުން ވަނީ އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކޮށްފައެވެ. ވެންޑަރުން ރަޖިސްޓްރީކުރުމުގެ ސަބަބުން އޮޅުވާލައިގެން ފައިސާ ހޯދައި މުދަލާއި ޚިދުމަތް ނުލިބިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ވިދާޅުވެއެވެ.
އަމާޒަކީ އެސްއެމްއީ ޑިޖިޓަލްއަކީ ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ތަނެއްގެ ބަދަލުގައި، ކުދި ވިޔަފާރިތަކުގެ ހުރިހާ މަރުޙަލާއެއްގައި އަމަލީގޮތުން ބައިވެރިވާ މުއައްސަސާއަކަށް ހެދުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ކުރިއަރަމުން އަންނަ ޑިޖިޓަލް އިޤްތިސާދަށް ބަލާއިރު، ކޮންޓެންޓް ކްރިއޭޓަރުންނާއި، ފޮޓޯގްރާފަރުން އަދި ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނާއި، ޓެކްނޮލޮޖީ ހޯދުމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ދަނީ ފައިނޭންސިންގ ފޯރުކޮށްދެމުންނެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާއެވެ. އެ ކުންފުނިން ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެންޑަރުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ