ހަނގުރާމައިގައި އެމެރިކާ ދަނީ މޮޅުވަމުން، ހައިރާން ކުރުވަނިވި ކާމިޔާބެއް ލިބިއްޖެ: ހެގްސެތް

އެމެރިކާ އާއި އިސްރާއީލް ގުޅިގެން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އަސްކަރީ ގޮތުން ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތް ބުނެފި އެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަދައްކަމުން ހެގްސެތް ބުނީ، އިރާނާއެކު ކުރާ މި ހަނގުރާމައިގައި އެމެރިކާއިން ދަނީ މޮޅުވަމުން ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން އިރާނުގެ އިގްތިސާދު މުޅިން އިނދަޖެހި، އެ ގައުމަކީ މާލީ ގޮތުން މިހާރު ”ފުނޑުފުނޑުވެފައިވާ“ ގައުމެއް ކަމަށާއި މި ހަނގުރާމައަކީ އަސްކަރީ ގޮތުން ހައިރާންކުރުވަނިވި ކާމިޔާބީއެއް ކަމަށްވެސް އޭނާ ބުންޏެވެ.
މި އަޑުއެހުމުގައި ޕެންޓަގަންގެ އެކްޓިން ކޮމްޕްޓްރޯލާ ޖޫލްސް ހާސްޓް ބުނި ގޮތުގައި، ”އޮޕަރޭޝަން އެޕިކް ފިއުރީ“ އަށް މިހާތަނަށް ގާތްގަނޑަކަށް 25 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ. އެ ފައިސާގެ ބޮޑު ބައެއް ހޭދަވެފައިވަނީ ހަތިޔާރަށާއި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށާއި ހަނގުރާމައިގައި ހަލާކުވާ އަސްކަރީ ސާމާނު އާ ކުރުމަށް ކަމަށްވެސް ބުންޏެވެ.
ހަނގުރާމައަށް ހިނގާ ބޮޑު ހަރަދާ ގުޅޭ ގޮތުން މެންބަރުން ކުރި ސުވާލުތަކަށް ރައްދު ދެއްވަމުން ހެގްސެތް ބުނީ، އިރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަށްޓަކައި ކޮންމެ ފަދަ އަގަކަށް ވިޔަސް އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ހަނގުރާމައަކީ ”ކޮޅެއް ނުފެންނަ“ ބޮޑު ތާށިގަނޑެއްގެ ގޮތުގައި ސިފަކޮށް، ހަނގުރާމައަށް ފާޑުކިޔާ މެންބަރުންނަކީ ”ނާގާބިލު“ ބައެއް ކަމަށާއި އެފަދަ ވާހަކަތަކަކީ ދުޝްމަނުންނަށް ފުރުސަތު ދިނުން ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ