އިހުސާންގެ ރައްދު އަބްދުﷲ ދީދީއަށް: ''މިހާތަނަށް އެއްވެސް ތަހުގީގަކަށް ނުފޫޒެއް ނުފޯރުވަން''

މިހާތަނަށް ފުލުހުންގެ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަލީ އިހުސާން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް މިއަދު ރައްދު ދެއްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުތުރު ތުހުމަތުތަކެއްކޮށް، އަދަދު ނޫހުން ހަދައިފައިވާ ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އަދަދު ނޫސް ހިންގާ އޮފީސް ވަނީ ބަލައި ފާސްކޮށްފައެވެ. https://sun.mv/221313 އެ މައްސަލައިގައި ފުލުހުންނަށާއި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވައި، ކުރީގެ އުއްތަމަ ފަނޑިޔާރު ރޭ ވަނީ، އަދަދު ނޫހާ ގުޅުންހުރި ތަހުގީގަށް އިހުސާން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އެގޮތުން، ފުލުހުންގެ އިދާރާއަކީ ހޯމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިންގާ މުއައްސަސާއެއް ނަމަވެސް އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމުގެ ބާރު މިނިސްޓަރަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ދީދީ ވިދާޅުވީ، އެ ޑޮކިއުމަންޓްރީގެ ތަހުގީގަށް ނުފޫޒު ފޯރުވާކަން އިހުސާންގެ ސޯޝަލްމީޑިއާގައި ކުރައްވާފައިވާ ޕޯސްޓުތަކުން އެނގޭ ކަމަށެވެ. އެހެންވެ، އެ ތަހުގީގު މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ހިންގުމަށް ފުލުހުންނަށް ލިބުމަކީ ދުރު ކަމެއް ކަމަށް ދީދީ ވިދާޅުވެފައިވެއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ --- ފޮޓޯ/ ދުވަސް އެމްވީ އެ ވާހަކައަށް ރައްދުދެއްވައި މިއަދު މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، ދީދީގެ ތުހުމަތު ދޮގުކުރައްވާފައެވެ. މިގޮތުން، މިހާތަނަށް އެއްވެސް ތަހުގީގަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރަނީ، ދީދީ ''އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ގޮތަކަށް ނޫން'' ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، އަދަދު ނޫހުގެ ޑޮކިއުމަންޓްރީ މައްސަލައިގައި އެ ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެކަން ބޭރުގެ ނޫސްތަކުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ