10 ރަށެއްގައި ނޭޗަރ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓްރީން ރަސްމީކޮށް ފަށައިފިއެވެ.
މިއީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ގާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިނިސްޓްރީން ބުނިގޮތުގައި، ނޭޗަރ ޕާކު ތަރައްޤީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށަހެޅުމަށް 2024 ވަނަ އަހަރު ހުޅުވާލި ފުރުޞަތުގައި ގިނަ ރަށްތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ނޭޗަރ ޕާކު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. މޮޅަދޫ، ހދ. ކުމުންދޫ، ނ. ލަންދޫ، ކ. ހުރާ، އދ. އޮމަދޫ، މ. ކޮޅުފުށި، ތ. ކިނބިދޫ، ލ. ގަން، ގއ. ކޮނޑޭ އަދި ގދ. ފިޔޮރީއެވެ.
މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ ރަށްތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށް، އެތަންތަނުގެ ކޮންސެޕްޓާއި މަސައްކަތް ކުރިއަށްދާނެ ދާއިރާ ނުވަތަ ސްކޯޕް މިހާރު ވަނީ ކަނޑައެޅިފައެވެ. އަދި މިހާރު ކުރިއަށްދަނީ ކައުންސިލްތަކާއެކު ގްރާންޓު އެގްރިމަންޓުގައި ސޮއިކުރުމުގެ މަރުޙަލާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ތަރައްގީކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މިހާރުވެސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ކާމިޔާބުކަމާއެކު ނޭޗަރ ޕާކުތައް ހިންގަމުން އަންނައިރު، މިފަދަ ތަންތަނުގެ ސަބަބުން ތިމާވެށި ހިމާޔަތްވުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ، ރަށްރަށުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ