ކައުންސިލުތަކުގައި ތިބެންޖެހޭނީ ސަރުކާރަށް އެއްބާރުލުންދޭ މީހުން، ޖަވާބުދާރީކުރުވާ ބައެއް ނޫން: ރައީސް

ކައުންސިލުތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ތަނެއް ނޫން ކަމަށާއި އެ ތަންތަނުގައި ތިބެންޖެހޭނީ ސަރުކާރަށް އެއްބާރުލުންދޭ މީހުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުރިއަށް އޮތީ ކައުންސިލް އިންތިހާބުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކައުންސިލުގައި އިދިކޮޅު މީހުން ތިބެގެން މަސައްކަތްކުރާނީ ސަރުކާރުގެ މަސައްކަތްތައް ކުރިޔަ ނުދޭން ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، ކައުންސިލުތަކަކީ ވެރިކަންކުރާ ބާރުގެ ފަށަލަ ތެރޭގައި އޮތް ބައެއް ކަމަށާއި އިދިކޮޅުން ކައުންސިލުތަކުގައި ތިބުމުން އެ ފަށަލަ ތެރޭގައި މައްސަލަ ޖެހޭނެ ކަމަށެވެ.
ކައުންސިލުތަކަކީ ރައްޔިތުންނަށް ސަރުކާރުން ދުވަހުން ދުވަހަށް ދޭ ހިދުމަތްތަކުގައި އެންމެ ބޮޑަށް ބައިވެރިވާ އެއް ތަނަށްވާއިރު، އެ ފަށަލަ ތެރޭގައި ތަޅާފޮޅާ ނަމަ ވާނީ ކިހިނެއްތޯ ރައީސް ސުވާލުކުރެއްވި އެވެ.
"ގާނޫނީ ނިޒާމު ވެސް ރޭވިފައި އޮތް ގޮތުން ކައުންސިލުތަކަކީ ވެރިކަމުގެ ބާރުގެ ތެރޭގައި އޮތް ބައެއް. [ކައުންސިލުތަަކަކީ] އެ [ވެރިކަމުގެ] ބާރު ޖަވާބުދާރީކުރުވާ ބައެއް ނޫންކަން އެއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ތިން ބާރު ވަކިވެފައި މިއޮތީ. އޭގެ ތެރޭގައި މިއޮންނަނީ ގާނޫނުތައް ހެދުމަށް ނޫނީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ބާރަކާއި ދެން ޝަރުއީ ދާއިރާ. އެހެންވީމަ މި ތިން ބާރު އޮންނައިރު ވެރިކަމުގެ ތެރޭގަ އޮންނަ ފަށަލައެއް ކައުންސިލުތަކަކީ. އެ ފަށަލަ ތެރޭގައި ތަޅާފޮޅަންޏާ ކިހިނެއްތޯ ވާނީ؟"
ރައީސް ވިދާޅުވި ގޮތުން:
ކައުންސިލުތަކުގައި ތިބޭ ބަޔަކު ވާންޖެހޭނީ، ރަށަށް އަންނަން އޮތް ތަރައްގީ އާއި ސަރުކާރުން ރަށަށް ވެފައިވާ ވައުދުތަކަށް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެންމެ ބޮޑަށް އެއްބާރުލުންދީ، އެކަމަށް މަގުފަހިކޮށްދޭނެ ބަޔަކަށް
އެތަނަށް ބަޔަކު ހޮވާއިރު ޖަވާބު ހޯދަންޖެހޭ ސުވާލަކީ، އެކަންކަމަށް މަގުފަހިވާނީ ނުވަތަ ރަށަށާއި ދަރިންގެ ދަރިންނަށް ފައިދާވާން އޮތީ ކޮން ބަޔަކަށް ވޯޓުދީގެންތޯ
"އެ ސުވާލުގެ ޖަވާބަކީ، ހަމަ ޔަގީނުން ވެސް އެކަމަށް އެއްބާރުލުންދޭން ތިބި ބަޔަކު އެތަނަށް ހޮވުން. އެހެންވީމަ ކައުންސިލާއި ޑަބްލިއުޑީސީއަށް ހޮވަންވީ މި އިންތިހާބުގައި ރައްޔިތުންނަށް ސަރުކާރުން ކޮށްދޭންހުރި ކަންކަމާއި ރަށަށް އަންނަން އޮތް ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭނެ ބައެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއީ ހަމަ ޔަގީނުން ވެސް ސަރުކާރުގެ ޕާޓީ، ޕީއެންސީ، ޕީއެންސީގެ ކެންޑިޑޭޓުން. އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ކެންޑިޑޭޓުން ހޮވައިދެއްވާ. ހަމަ ޔަގީނުން ވެސް އޭގެ ނަތީޖާ ރަނގަޅުވާނެ. ނަތީޖާ ވަރަށް ފުރިހަމަވާނެ."
ރައީސް ވިދާޅުވީ، ވައުދާ އެއްގޮތަށް ކަންކަން ކޮށްދެމުން އަންނަ ކަމަށާއި، ވައުދުތައް ވެފައިވާނީ 2025 އާއި 2026އަށް ބަހާލައިގެން މަސައްކަތްތަކުގެ އަމަލީ މަސައްކަތްތައް ކުރާ ގޮތަށް ކަމަށެވެ.
އެގޮތުން، މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތައް ފެށިފައިވާއިރު، އެކަމަށް އެއްބާރުލުންދޭން ތިބި މީހުންނަކީ އެކަމަށް ހުރަސް އަޅާ ބަޔަކަށް ހަަދައިފި ނަމަ، މުސްތަގުބަލު ބަންދުކޮށްލާނީ އެ ބަޔަކު އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެން އަމިއްލައަށް އެކަމެއް މަޑުޖައްސާލަނީ ނޫނީ ހުރަސް އަޅަނީ. އެއީ ކީއްކުރަން ކުރާ ކަމެއްތޯ؟ އެހެންވީމަ މިދަންނަވަނީ ގައުމު އިސްކުރާށޭ. އަމިއްލަ މަސްލަހަތެއް ނޫނޭ އިސްކުރަންވީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ