އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމަށް މި ސަރުކާރުގައި އެގްރިކަލްޗާ މިނިސްޓަރުކަން ކުރިން ކުރެއްވި ޑރ. އާއިޝަތު ރަމީލާ, މިއަދު އައްޔަން ކުރައްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު, ރަމީލާ އެ މަގާމަށް މިއަދު އައްޔަން ކުރެއްވެވިކަން ރައީސް އޮފީހުން ވަނީ އިއުލާން ކުރައްވައިފައެެވެ. ނަމަވެސް ރައީސް މި ވަގުތު އަމިއްލަފުޅު ދަތުރެއްގައި ހުންނެވީ ރާއްޖެއިން ބޭރުގައެވެ. https://www.sun.mv/216346 އެޗްއާރްސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރުމަށް ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހު ކުއްލި ގޮތަކަށް ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ. އެ ދުވަހުން އެ ދުވަހަށް ކޮމެޓީ ބާއްވައި އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވަނީ ކޮމެޓީން ފާސްކޮށްފައެވެ. އަދި އިއްޔެ އަނެއްކާ ވެސް ދައުރުން ބޭރުން ބޭއްވި އެންމެ އަށް މިނެޓްގެ މަޖިލިސް ޖަލްސާގައި ވަނީ ރަމީލާ އެ މަގާމަށް އައްޔަން ކުރައްވަން ތަޅުމުން ފާސް ކޮށްފައެވެ. އެގްރިކަލްޗާ މިނިސްޓަރުކަމުގައި ހުންނެވުމަށް ފަހު، ކެންސަރަށް ފަރުވާ ހޯއްދެވުމަށް ރަމީލާ ޑިސެންބަރު 1، 2024ގައި މަގާމުން އިސްތިއުފާ ދެއްވިއެވެ. މީގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ. އެޗުއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، މިހާރު އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ: ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު މެންބަރު ސަމާޢު އަޙްމަދު ނަޖީބު މެންބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް މެންބަރު އަޙްމަދު މަޤުސޫމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ