އުމުރުން ހަ އަހަރުގެ ކުއްޖަކު ކެއިން ބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް ލިބުން ލަސްވެ މަރުވި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި ތަހުގީގަށް ފާހަގަކުރެވޭ އިސްލާހުކުރަން ޖެހޭ ކަންކަން ކަމާ ބެހޭ އިދާރާއަށް އަންގާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ސްޕެސްޓިކް ކްވޮޑްރުޕްލީޖިކް ސެރަބަލް ޕަލްސީ'އަށް ފަރުވާ ހޯދަމުން ދިޔަ އަޒާން ސުހައިލް އިއްޔެ މަރުވީ ކާން ދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބް ބަދަލު ކުރަން ޖެހި، އެ ޓިއުބް ލިބުން ލަސްވެގެންނެވެ. އެ ޓިއުބް ހޯދަން އެސްޓީއޯގައި އެދިގެން އުޅޭތާ އަށް މަސް ވީއިރު ވެސް ނުލިބިގެން ކާން ނުދެވި ހާލު ދެރަވަމުންދާތީ އަޒާންގެ މަންމަ އޭގެ ކުރިން ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާ ވެސް ކޮށްފަ އެވެ.
އެ ހާދިސާއާ ގުޅިގެން އެންސްޕާ އާއި އެސްޓީއޯއިން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ އިދާރާތަކުން އުފުލަން ޖެހޭނެ ކަމަށް ބުނެ އާންމުން އަންނަނީ ފާޑުކިޔަމުންނެވެ.
ބުނީ ކީކޭ؟ - މި ހިތްހަމަނުޖެހުންތައް ބޮޑުވެފައިވަނިކޮށް، އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޓިއުބް ނުލިބިގެން ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި މި މަހުގެ 17ގައި ޕޯސްޓުކުރުމާ އެކު، އެ ކޮމިޝަނުގެ އިސްނެގުމުގެ މަތިން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އެޗްއާރްސީއެމްއިން ބުނިގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ:
ދިވެހި ރައްޔިތަކަށް އެހީތެރިކަމެއް ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއް ނެތި އެހީތެރިކަން ލިބޭނެ ގޮތް ގާއިމުވެފައި އޮތްތޯ
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގާއި ކުޑަކުދިންނާ ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ގާނޫނުއަސާސީން ތަސައްވަރުކުރާ މިންވަރަށް ދައުލަތުގެ ފަރާތުން ކަށަވަރުކޮށްދީފައިވޭތޯ
ރައްޔިތަކު އެހީތެރިކަަމަށް އެދޭ ހިނދު އެކަމެއްގެ މުއާލާތް ކެނޑުމުގެ ކުރިން އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތެއް ދައުލަތުގެ ފަރާތުން ގާއިމުކޮށްފައިވޭތޯ ނުވަތަ ނޫންތޯ
މައްސަލައިގެ ތަހުގީގަށް ފަހު އިސްލާހުކުރަން ޖެހޭ ކަންކަން އެކަމާ ގުޅޭ އިދާރާއަކަށް އަންގާނެ ކަމަށާއި ދޭ ލަފާތައް ތަންފީޒުކުރަމުންދާ މިންވަރު ބަލާނެ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެެ. އަދި، އެކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ވެސް ދޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެނގުން މުހިންމު - ފީޑިން ޓިއުބް ނުލިބި އަޒާންގެ ހާލު ދެރަވަމުންދާތީ، އޭނާގެ މަންމަ މިމަހުގެ 17ގައި ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ވާގޮތުން، ޕީއީޖީ ޓިއުބު ހޯދުމަށް އެސްޓީއޯ މެދުވެރިކޮށް އޯޑަރު ދިނީ މިދިޔަ އޮގަސްޓު މަހު އެވެ.
އެގޮތުން ބުނެފައިވަނީ:
ނަމަވެސް އަށް މަސް ވީއިރު ވެސް އެސްޓީއޯގެ ފަރާތުން އެއްވެސް ހަބަރެއް ނުވޭ؛ އެތައް ދުވަހެއް ވަންދެން އެސްޓީއޯ ހުޅުމާލެ ފާމަސީއަށް ވެސް ދިޔަ ކަމަށް
އަށް މަސް ފަހުން އެސްޓީއޯ ފާމަސީން ގުޅާ، އެ ޓިއުބަށް އޯޑަރު ނުދެވިގެން އުޅެނީ އެންސްޕާގެ އެޕްރޫވަލް ނުލިބިގެން ކަމަށް ބުނެފައިވާ ކަމަށް
އެހާ ދުވަސް ވީއިރު އެ މައުލޫމާތު އެސްޓީއޯއިން ހިއްސާނުކުރީ ކީއްވެތޯ އާއި އެންސްޕާއިން އެފަދަ ޒަރޫރީ ޓިއުބެއް ގެންނަން ހުއްދަނުދެނީ ކީއްވެތޯ ވެސް ޕޯސްޓުގައި ސުވާލުކޮށްފައިވޭ
އެކަމުގައި ހަދާނެ ގޮތް ހުސްވެފައިވާ ކަމަށާއި އެއީ އެކުއްޖާގެ ކެއިން ބުއިން އެތެރެވާ ހަމައެކަނި މަގު ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވޭ
މި ޕޯސްޓަށް ފަހު، އަޒާންއަށް ކާން ދިނުމަށް ބޭނުންވާ ޓިއުބް، ހެޔޮއެދޭ ފަރާތަކުން ޕްރައިވެޓް ޕާޓީއެއް މެދުވެރިކޮށް ގެނެސްދިން ނަމަވެސް އޭރު އެ ކުއްޖާގެ ހާލު އޮތީ ޓިއުބް ބަދަލުކުރެވޭ ވަރަށް ވުރެ ދަށްވެފަ އެވެ.
ސްޕެއާ ޓިއުބެއް ނެތި އެތައް ދުވަހެއް ވުމުގެ ސަބަބުން ކުއްޖާގެ ހާލު ދަށްވަމުން ގޮސް މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ.
ފީޑިން ޓިއުބް ނުލިބުނު މައްސަލަ ދަނީ ބަލަމުން، އިސްލާހުކުރަން ޖެހޭ ކަންކަން އަންގާނަން: އެޗްއާރްސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ