އަންނަ އަހަރު ބޭސްފަރުވާގެ ޚިދުމަތުގެ ބަޖެޓަށް އިތުރުވީ ހަތަރު އިންސައްތަ
        އަންނަ އަހަރު ބޭސްފަރުވާގެ ޚިދުމަތަށް އެއް ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.  އަންނަ އަހަރަށް ލަފާކޮށް، އިއްޔެ ފިނޭންސް މިނިސްޓްރީން ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވަނީ، ސިއްހީ ދާއިރާއަށް 8.8 ބިލިއަން ރުފިޔާ ހިމަނާފައެވެ.  އޭގެތެރެއިން، ބޭސްފަރުވާގެ އެހީއާއި ސިއްހީ އާލަތްތަކަށް ބޮޑު ޚަރަދެއް ވަނީ ހިމަނާފައެވެ. އެކަންކަމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. ބޭސްފަރުވާއަށް 894 މިލިއަން ރުފިޔާއާއި އެހެނިހެން ސިއްހީ ތަކެތި ގަތުމަށް ވަނީ 206 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.  ހަމައެހެންމެ، ތެރަޕިއުޓިކް އެޕްލައިންސާއި އާލާތްތަކަށް 53 މިލިއަން ހޭދަކުރަން ވަނީ ނިންމާފައެވެ.    މީހަކު އައިޖީއެމްއެޗަށް ވަންނަނީ: ބޭސްފަރުވާގެ ޚިދުމަތަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ބިލިއަނެއް ކަނޑައަޅާފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު   އައުޓްޕޭޝަންޓު ޚިދުމަތްތަކަށް ބަލާއިރު، ބޭސްފަރުވާގެ ޚިދުމަތަށް އެއް ބިލިއަން ރުފިޔާ އަންނަ އަހަރު ޚަރަދުކުރަން ވަނީ ހިމަނާފައެވެ. މިއަހަރަށް ކަނޑައެޅި އަދަދާ ބަލާއިރު، އެއީ ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ.  އެގޮތުން، ޚާއްސަ ސިއްހީ ޚިދުމަތަށް ޚަރަދުކުރަން ހިމަނާފައި އޮތީ 842 މިލިއަން ރުފިޔާއެވެ.  ދަތުގެ ފަރުވާއަށް އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދުކުރަން ނިންމާފައި ވަނީ، 16 މިލިއަން ކަމަށްވާއިރު، ޕެރަމެޑިކް ޚިދުމަތް ދިނުމަށް ކަނޑައެޅީ 98 މިލިއަނެވެ.  އެއާއެކު، ހޮސްޕިޓަލުގެ ޚިދުމަތަށް ފަސް ބިލިއަންގެ ބަޖެޓެއް ހިމަނާފައިވެއެވެ. އޭގެތެރެއިން، އާންމު ޚިދުމަތަށް ކަނޑައަޅާފައި ވަނީ، ހަތަރު ބިލިއަން ރުފިޔާއެވެ.  ފާހަގަކުރެވޭ ގޮތުގައި، މި އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދީފައި އޮންނާނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވިއެވެ.  އޭރު އެ މަނިކުފާނު ވިދާޅުވީ، ސިޔާސަތަކީ ސަރުކާރުން އެ ދާއިރާއަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށެވެ. ރައީސް ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް ލިބިގެންވާ ރައްޔިތުންތަކެއް ގައުމުގައި ތިބުމަކީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ކުރިއެރުމުގައި މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.  https://sun.mv/213212  އަންނަ އަހަރު ބޭސް ފަރުވާގެ ޚިދުމަތަށް ބޮޑު ޚަރަދެއް ކުރަން ނިންމިއިރު، އަސާސީ ބޭސްތައް ނުލިބޭ ކަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން އެކި ފަހަރު މަތިން އެކި ތާރީޚުތައް ދީފައިވެއެވެ. އެކަމަކު، އަދިވެސް ބޭސް ނުލިބޭކަމުގެ ޝަކުވާ މަދެއް ނުވެއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
            